އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއް ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅައިފިއެވެ.
މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ޔާމީނުގެ ފަރާތުން 2 ހުށައެޅުމެއް:
ރައީސް ޔާމީނުގެ ފަރާތުން 2 ހުށަހެޅުމެއް ވަނީ ހުށައަޅުއްވާފައެވެ. މި 2 ހުށައެޅުމަކީ ކަފާލާތާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި ގުޅޭ 2 ހުށައެޅުމެކެވެ. މި ހުށައެޅުންތައް އިއްވަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވިދާޅުވީ، ކަފާލާތަށް އެދުމުން ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ދައުލަތުން އެކަމަށް ޖަވާބެއް ދީފައިވާ ކަމަށާއި، ނަމަވެސް އެ ޖަވާބާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް 2 ދުވަސް ބޭނުންވާ ކަމަށެވެ. އެއާއެކު ޝަރީއަތުން ވަނީ އެ ހުށައެޅުންތަކާއެކު ކުރިއަށް ދިއުމަށް 2 ދުވަހުގެ މުއްދަތެއް ދީފައެވެ.
އިސްތިއުނާފުގެ ޚުލާސާއެއް ހުށައެޅުން:
މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، ތަފްސީލީ ގޮތެއްގައި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ވާހަކަ ދެއްކުމުގެ ކުރިން ޑރ ޖަމީލް ވަނީ ޚުލާސާ ގޮތެއްގައި ބައެއް ނުކުތާތައް ފާހަގަ ކުރައްވާފައެވެ. ޑރ ޖަމީލް ވިދާޅުވީ، މި މައްސަލައަކީ ތަހުގީގު މަރުޙަލާގައިވެސް ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގު މަރުޙަލާގައި ކުރިއަށްދިޔަ ސުވާލުތަކަކީ މަނީ ލޯންޑަރިންގ އާ ގުޅޭ ސުވާލުތަކެއް ނޫން ކަމަށާއި، ތަހުގީގު މަރުޙަލާއިން ފެށިގެން ދައުވާ ކުރުމުގެ މަރުޙަލާއަށްވެސް ދައުލަތުން ޔާމީނުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ސާފު ކޮށްދީފައިނުވާކަމަށް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ، ދައުލަތުން ކުރާ ތުހުމަތަކީ ކޮބައިކަން ދަށު ކޯޓުން ސުވާލު ކުރުމުން އޭރު ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރަނީ ކޮރަޕްޝަންގެ ކުށްކަމަށް ދައުލަތުން ފާހަގަކުރި ކަމަށެވެ. ޚުލާސާ ގޮތެއްގައި ޑރ ޖަމީލް ވިދާޅުވަމުން ގެންދެވި ވާހަކަތަކަކީ އިސްތިއުނާފީ ނުކުތާތަކުގައިވެސް ހިމެނޭކަމަކަށްވާތީ ސުޕްރީމް ކޯޓުން ވަނީ ވަގުތު ކުޑަ ކުރުމުގެ ގޮތުން އެކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވާފައެވެ. ނަމަވެސް ބައެއް ނުކުތާތަކަށް ޚުލާސާ ގޮތެއްގައި ވާހަކަ ދައްކަވަން ބޭނުންވާކަން ޑރ ޖަމީލް ވިދާޅުވުމާއެކު، ތަކުރާރު ނުކުރެއްވުމަށް ދަންނަވައި ފަނޑިޔާރު އަނެއްކާވެސް ޑރ ޖަމީލްއަށް ފުރުސަތު ދެއްވިއެވެ.
ޑރ ޖަމީލް ވިދާޅުވީ، މި މައްސަލައިގައި ދަށު ކޯޓުން އިޖުރާއީ ގޯސްތަކެއްވެސް ހަދާފައިވާ ކަމަށެވެ. އަދި މުޅި ދަށު ކޯޓުން މައްސަލަ ނިމިގެން ދިޔައިރުވެސް ކުށުގެ ތަފްސީލުތައް ސާފުކޮށްދީފައި ނުވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އެގޮތުން މައްސަލައިގައި ހިމެނެނީ ގއ ވޮޑަމުލާގެ ފައިސާކަމަށް ވަކި ހިސާބަކުން ދައުލަތުން ވިދާޅުވި ނަމަވެސް، ރައީސް ޔާމީނަށް ލިބިވަޑައިގަތީ ވޮޑަމުލާގެ ފައިސާކަން އަންގައި ނުދެވުނުކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި މިހާރު ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ޖަވާބުގައިވެސް ދައުލަތަށް އެކަން ސާފުކޮށްދެވިފައި ނުވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ، މި މައްސަލައިގައި ދަށު ކޯޓުންނާއި ހައިކޯޓުންވެސް ގޯސްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން ވޮޑަމުލާގެ ފައިސާ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވިކަން ދެ މަރުޙަލާގައިވެސް ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އަދީބާއި ޒިޔަތުގެ އިތުރުން މުއައްވިޒު ރަޝީދުގެ ހެކިބަސްތަކެއްވެސް ނަގާފައިވާއިރު، މިއަދާ ހަމައަށްވެސް އެ ހެކިބަސްތަކުގައި ހިމެނޭ ކަންކަން ސާފު ކޮށްދެވިފައިނުވާކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
ޑރ ޖަމީލް ވިދާޅުވީ، މި މައްސަލައިގައި ހައިކޯޓުންވެސް ހެކިބަސްތަކާއި ގުޅިގެން ނިންމާފައިވަނީ "ކޮމަން ލޯ" ގެ އުސޫލުތަކާއި އެއްގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އަދީބާއި ޒިޔަތާއިއެކު ދައުލަތުން އެއްބަސްވުން އެކުލަވާލާފައިވާއިރު، އެއާއި ގުޅިގެން ކަންކަން ހިނގާ ދިޔައީ އިންސާފުވެރިކަމާއެކު ނޫންކަން ޑރ ޖަމީލް ވިދާޅުވިއެވެ. ޑރ ޖަމީލް ވަނީ މި މައްސަލަައިގައި އެނގިވަޑައިނުގެން ހުންނަވަނިކޮށް ރައީސް ޔާމީން "ދަލެއްގައި ބައްދާލާފައިވާކަމަށް" ސިފަ ކުރައްވާފައެވެ. އަދި މަނީ ލޯންޑަރިންގ ޤާނޫނު ވުޖޫދަށް އައީ ނޭނގި މީހުން ކުށްވެރިކުރަން ނޫންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޔާމީން ފާހަގަ ކުރެއްވި ކަންކަން:
ރައީސް ޔާމީން މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ކަމެއްކަމަށް ތުހުމަތުކޮށް ހުށައަޅާފައިވަނީ ވަރުގަދަ އެއް ހެކި ކަމަށެވެ. އެއީ މި ފައިސާއަކީ ތުހުމަތު ކުރެވޭ ފައިސާތަކެއްކަން އޭސީސީން ރައީސް ޔާމީނަށް އެންގި އެންގުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހިންގެވީ ޤާނޫނުގެ މަގުން ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭތީ، އެފައިސާ އަނބުރާ ދައުލަތާ ހަވާލުކުރަން ފެންނަކަމަށް ރައީސް ޔާމީނަށް އޭސީސީން އެންގިކަމަށް މުއައްވިޒު ރަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ތެދެއް ނޫންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
އިސްތިއުނާފުގައި ހުށައެޅި ބައެއް ނުކުތާތައް:
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ (ސުވާލު ނުކުރާ ކުށެއްގެ މައްޗަށް ކުށް ސާބިތު ކުރުން ) އާ ޚިލާފުވިކަމަށް
- ކުށުގެ ތުހުމަތުގައި މީހާ ކުރި އަމަލާއި، ކުށް ކުރި ތަނާއި ތަފްސީލު ހާމަކޮށްފައިނުވާ ބާތިލު ދައުވާއަކުން ކުށް ސާބިތުކޮށްފައިވާކަން
- ދައުލަތުން ކުރާ ދައުވާއަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާކަން
- އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ދައުވާއާ ގުޅޭ ބައެއް ލިއެކިއުންތައް ޙަވާލު ނުކޮށްކަން
- ޤާނޫނުލް އުޤޫބާތުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް އިބްތިދާއީ މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާ އެއްކޮށް ގެންދިއުމާއި، ތާވަލެއް އެކުލަވާލާފައިނުވުން
- މައްސަލަ ޙަވާލު ކުރުމާއި، ތަނާޒުލުވުމާއި، ގުޅޭ އުސޫލާ ޚިލާފަށް އެކުލަވާލާފައިވާ މައްސަލައެއްކަން
- ދައުލަތުގެ ހެކިން ދޮގު ހެކިބަސް ދީފައިވާކަން އަދި އެއީ ކުށުގެ ބައިވެރިންކަން
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުވިކަމަށް ބުނެ ހުށައެޅި ނުކުތާ، އެގޮތުން ކިތާބީ ހެކި ވަޒަންކޮށް ތަހުގީގު ކޮށްފައިވަނީ ނުބައިކޮށްކަމަށް
- އެކްސްކްރޯ އެގްރީމަންޓުގައި ސޮއި ކުރިއިރުވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް ފައިސާ ވަދެފައިނުވާކަމަށާއި، އެކްސްކްރޯ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމުންވެސް،އެކަމާ ގުޅިގެން ހައިކޯޓުން ނިންމި ގޮތް ރަނގަޅު ނޫންކަން
- ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނުގެ 40 ވަނަ މާއްދާއާއި، އިންތިޚާބުތަކާ ބެހޭ ޤާނޫނުގެ 68 ވަނަ މާއްދާ ނުބައިކޮށް ތަތުބީޤު ކޮށްފައިވާކަން
- ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ ވޮޑަމުލާގެ ފައިސާ ކަން ސާބިތުވާން ނެތި އެ ފައިސާއަކީ އިކުއިޒިޝަން ކޮސްޓްގެ ފައިސާކަން ކަނޑަައަޅާފައިވާ ކަން
- ދައުލަތުން ހެކި ހުށައެޅި ސަބަބު ނޫން ސަބަބުތައް ސާބިތު ކޮށްދޭން ހެކި ހުށައަޅާފަައިވާކަން
- ދިފާއުން ހުށައެޅި ކިތާބީ ހެކިތަކުން ހާމަވާ ޙަޤީޤަތްތައް ބަލައިގެންފައިނުވާކަން
- ކުށް ސާބިތުވެފައިވަނީ ޤާނޫނުލް އުޤޫބާތުގެ 28 ވަނަ މާއްދާއާ ޚިލާފަށް ކަމަށް
- މަނީ ލޯންޑަރިންގ ޤާނޫނު ނުބައިކޮށް މާނަކޮށްފައިވާކަން
- މަނީ ލޯންޑަރިން ޤާނޫނުގެ ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ގެއްލުންވާ ގޮތަށް ޤާނޫނު މާނަކޮށްފައިވާކަން، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމުގެ އުސޫލުތަކާ ޚިލާފުކަން
- މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޚިލާފަށް ތުހުމަތު ކުރެވޭ މީހާއަށް ގެއްލުންވާ ގޮތަށް މާނަކޮށްފައިވާކަން
- ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއަކާ ޚިލާފަށްކަން ( އަބްދުﷲ ހަސަން ވ ސްޓޭޓް)
- ހައިކޯޓުން މި މައްސަލަ ބެލީ ޝައްކުގެ މިންގަނޑުންކަމަށް އަދި ކްރިމިނަލް ކޯޓާއި ހައި ކޯޓުން މައްސަލަ ފައިސަލާ ކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް
- އެމްއެމްއޭ ޤާނޫނުގެ ދަށުން ހަދާފައިވާ މަނިޓަރީ ޤަވާއިދުގެ މާއްދާތަކާ ޚިލާފުކަން
- މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު، ލުއި ޙުކުމެއް އިސްކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުންކަމަށް
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ބުނެ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.
ހައިކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، ދަމަހައްޓާފައެވެ.
އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.