ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 02:26
ޕީއެސްޖީ އާއި ކްލޭމޯން ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އާއި ކްލޭމޯން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
މެސީ އާއި ނޭމާ ނެތި ޕީއެސްޖީއަށް މޮޅެއް
 
ކްލޭމޯން އަތުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 15 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އަލަށް ޕްރޮމޯޓުވި ކްލޭމޯން އަތުން ފަސޭހަކަމާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޕީއެސްޖީން މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ކުޅުނު ކުޅުންތެރިން ބޭނުންކޮށްފައެއް ނުވެއެވެ. އެގޮތުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، އެ ގައުމުގެ ފޯވާޑް އެންހެލް ޑި މާރިއާ އަދި ބްރެޒިލުގެ ތަރި ނޭމާވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ. ޕީއެސްޖީގެ ދަނޑުގައި މެސީއަށް އަދި މިހާތަނަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބިފައިނުވާއިރު، އޭނާ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު ހަމައެކަނި މެޗަކީ ބައިނަލްއަގުވާމީ ބްރޭކުގެ ކުރިން ރެއިމްސް އަތުން ޕީއެސްޖީ މޮޅުވި މެޗެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ އަންޑަ ހެރޭރާ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖޫލިއަން ޑްރެކްސްލާގެ އެހީއާއެކު ޒުވާން ތަރި ކީލިއަން އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިދްރީސާ ގާނާ ގޭއެވެ.

މި މޮޅާއެކު ޕީއެސްޖީން ވަނީ މި ސީޒަނުގެ ފްރެންޗް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށް 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޭންޖާސް އާއި ތިންވަނައިގައި އޮތް އޮލިމްޕިކް މާސޭއަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ކްލޭމޯން އޮތީ ތާވަލުގެ ހަތަރުވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް