ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގަތީ އެބޭފުޅުން ކުރައްވަން އުޅުއްވި ކަމެއް ހާސިލްނުވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ މިއަދު އެބޭފުޅުންނަށް ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއެކޭ ބުނުމުގެ ޖާގަ ނޯންނާނެ ކަމަށެވެ. އެބޭފުޅުން ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުނީ ޕާޓީ ތެރޭގައި ތިއްބަވައިގެން ކުރައްވަން އުޅުއްވި ކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތުމުން ކަމަށް އިލްހާމް ވިދާޅުވިއެވެ.
މިކަން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، މިކަމާގުޅިގެން ޖޭޕީގެ އެތެރެއިން ބޭބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް ދެއްކި ވާހަކައަކާއި، ރެކޯޑިންއެއް އޮތިއްޔާ އެވެސް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ހަމައަށް އައިސްފައިވާކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެކަން ކާމިޔާބު ކުރެއްވިފައި ނުވަނީ ޤާސިމަށް އެކަންކަމަށް ފާރަވެރިވެ ވަޑައިގެންނެވުނީމައި ކަމަށް އިލްހާމް ވިދާޅުވިއެވެ.
މެމްބަރު ނާޒިމާއި، މެމްބަރު ރިޔާޒް ޖޭޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި ކުރައްވަން އުޅުނީ ކޮން ކަމެއް ކަމެއް އިލްހާމް ވިދާޅުވެފައެއް ނުވެއެވެ. އަދި މިކަމުގެ އިތުރު ތަފްސީލެއްވެސް ދެއްވާފައެއް ނުވެއެވެ. އިލްހާމް ތަކުރާރުކޮށް ވިދާޅުވީ އެބޭފުޅުން ކުރައްވަން އުޅުނީ ވަރަށް ހަޑި ކަމެއް ކަމަށެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ޕާޓީއެއް އުފެއްދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ގާނޫނު އަސާސީން ކޮންމެ ބަޔަކަށް ލިބިދޭ ބާރެއް ކަމަށާއި، އެހެންނަމަވެސް މައްސަަލައަކަށް ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަންކަން ހިނގައިގެން ދާތީ ކަމަށެވެ.
ދަނގެތީ ދާއިރާގެ މެންބަރު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން "މޯލްޑިވްސް ނެޝަނަލް ޕާޓީ"ގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. މިހާރު ކުރިއަށްދަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތެވެ.