7 ފެބްރުއަރީ 2012ގައި ސަލާމަތީ ބާރުތަކުން ޓީވީ މޯލްޑިވްސްއަށް ވަދެ، އެތަނަށް ޓެރަރިސްޓު ހަމަލާއެއް ދިން މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. ޓީވީއެމަށް ގަދަކަމުން ވަދެ ބްރޯޑްކާސްޓިން ހުއްޓުވާ ތަން ހިސޯރު ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް އެއިރު އެކަމުގެ އަޑީގައި ތިބި ސިޔާސީ ބައެއްގެ އޯޑަރަށް ދިވެހި ފުލުހުންނާއި ސިފައިންނެވެ.
7 ފެބްރުއަރީ 2012ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާއާއި އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަޢާވާތެއް ކޮށްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ އިރު، މި މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފްް ހޯމްއެފެއާޒެވެ.
މައްސަލައިގެ ބާވަތުގެ ގޮތުގައި ހަތަރުކަމެއް
- ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި ޢަމަލެއްގެ ސަބަބުން ނުވަތަ އެފަދަ ޢަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ނުވަތަ ޝަކުވާއެއް
- ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ނުވަތަ ޝަކުވާއެއް
- ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވާއިގެން ހިންގި ޢަމަލެއްގެ ސަބަބުން އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ނުވަތަ ޝަކުވާއެއް
- ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނިގުޅައިގަތްކަމަށް ހުށަހަޅާ މައްސަލައެއް ނުވަތަ ޝަކުވާއެއް
ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި އަދި ދިވެހި ދައުލަތާއި ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާމަގާމުން ބޭރު ކުރައްވާފައެވެ. އަދި މަޤާމުން ބޭރު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ދައުލަތުގެ މީޑިޔަރ ހިންގަމުންގެންދިޔަ އިމާރާތް ކަމުގައިވާ ޓެލެވިލްޒަން އޮފް މޯލްޑިވްސް (ޓީވީއެމް) ނުވަތަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބ.ސީ) އިމާރާތުގެ ގޭޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިފޯމާއި، މޯލްޑިވްސް ނޭޝަނަލްޑިފެންސް ފޯރސްގެ ޔުނިފޯރމް އަޅައިގެން ތިބި ބަޔަކު ވަނީ އެ އިމާރާތަށް ޓެރަރިސްޓް ހަމަލާއެއްދީ ތަނުގައި ތިބި މުވައްޒަފުންރަހީނުކޮށް، ދައުލަތުގެ މީޑިޔާގެ ލައިވް ފުރީކުއެންސީ ހުއްޓާލައި، ވީޓީވީން ދައުލަތުގެ މީޑިޔާގެފުރީކުއެންސީގައި ދައްކާފައެވެ.
ވީމާ މިފަދަ ކަމެއް ކުރެވޭނީ ޓެރަރިސްޓް ހަމަލައެއްދީ ތަނުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކައިރަހީނު ކޮށްގެން ކަމަށް ޤަބޫލު ކުރެވޭތީ، މިމައްސަލަ އިންތިޤާލީ އިންސާފުގެ އޮފީހުން ބައްލަވައިދެއްވުން އެދި ހުށަހަޅާ ކަމަށް ބުނެފައިވެއެވެ. އަދި ޓީވީއެމް ހިސޯރު ކުރުމުގައި އިސްވެ އުޅުއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމުގެކުރިން އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި، އަދި ބަޣާވާތުގެ މޭސްތެރިޔާގެ ގޮތުގައި ތުހުމަތުކުރާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޮ އަލީ ވަހީދު ކަމަށް ހެކިވެރިންގެ މައުލޫމާތުން ސާބިތުވާކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޯޑަރުތަކަށް ބޯލެބުމެއް ނެތި، ދައުލަތުގެ މުދަލަށް ނުހައްޤުން ގެއްލުން ދިނުމަކީ ޤާނޫނީ ބޮޑު ކުށެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެޔާއި އެކު ރައްޔިތުންގެމުދަލާއި ފުރާނައާއި މި ޤައުމުގެ ވަހުދަތާއި އިސްތިޤްލާލް ނަގަހައްޓަން މާތް ރަސްކަލާންގެ ހަޒުރަތައް ހުވައެއް ކޮށްގެން ތިބި ބަޔަކުރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ރަހުނު ކުރުމަކީ ޤާނޫނީ ބޮޑު ކުށެއް ކަމަށެވެ.
މިރާއްޖޭގައި ހިނގާދިޔަ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއާއި ހިލާފަށް ދިވެހި ފުލުހުންގެ ތެރެއިން މަދު ބަޔަކާއި، ޤައުމީ ދިފާއީ ބާރުގެ ތެރޭން މަދު ބަޔަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މަދު ވަޒީރުންގެ ބަޔަކުވީ އިހުމާލުގެ ސަބަބުން ހިނގާދިޔަ ބަޢާވާތަކީ ދުރާލާ ރޭވިގެން ހިނގާފައިވާ ކަމެއް ކަމުގައި ސާފުކޮށް އިނގެނީ ސިލޯނުގެ ކޮޅުނބުގައި ޑިސެމްބަރ 2011 ގައި ކުރީގެ 5 ބަންޑާރަ ނައިބުން ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވުމާއި، ބައެއް މުއްސަދި މަހުޖަނުން ފަންޑުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ސާފު ކޮށްދިނުން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ ކަމަށެވެ.
އެމްޑީޕީއަށް ވެރިކަން ލިބިގެން އައީ ކޯލިޝަން ޕާޓީ ތަކެއްގެ ތެރެއިން ކަމަށާއި، ދައުލަތުގެ ވުޒާރާތައް ކޯލިޝަން ޕާރޓީ ތަކުގެމެދުގައި ބެހިގެން ދިޔަ ގޮތާއި މެދު ސިޔާސީ ޕާރޓީ ތަކުގެ މެދުގައި ހިޔާލު ތަފާތުވުމާއި، ނުތަނަވަސްކަން ހުރިކަން ފާހަގަ ކުރެވޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަން އުވިގެން ގޮސް، 30 އަހަރުގެ ދިގުވެރިކަމެއް ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމަށް ވަފާދާރު ފަރާތްތަކުގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރުގައި ބޭރުފުށް ބަދަލުކޮށްގެން އައިސް ތިބި ދެފުއްކެހެރި މީހުން ސަރުކާރު ތެރޭގައި ފިތުނަ ފަސާދަ އުފައްދާ، ސަރުކާރާއި ދެކޮޅަށް ބަގާވާތް ކުރައްވަމުން ގެންދެވި. އޭގެ ހެއްކަކަށް 7 ފެބްރުއަރީ 2012 ވަނަދުވަހުގެ ދަންވަރުގެ ވަގުތުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި އިދިކޮޅު ފަރާތްތަކާއި އެކު ބާއްވަމުން ދިޔަ މަޝްވަރާތައް ހިމެނޭ.ހުށަހެޅި މައްސަލައިގެ ތަފްސީލު
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް (ރައްޔިތުން) ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ސިފައިންގެ ޤާނޫނުގެ 2 ވަނަ މާއްދާ (ސިފައިންގެ މަޤްޞަދު) ގެ (ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާއުކުރުން، އަދި (ނ) ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުން، އަދި (ރ) ދިވެހިރާއްޖޭގެ ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭއެންމެހާ ކަންތައް ކުރުން ކަމަށް ބަޔާން ކޮށްފައިވީ ހިނދުވެސް ދިވެހި ދައުލަތަށް 7 ފެބްރުއަރީ 2012 ގައި ރައްކާތެރިކަންފޯރުކޮށްދީފައި ނުވާކަމަށާއި، އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ޤައުމީ ދިފާއީ ބާރުގެ އެންމެ މަތީ ވެރިޔާ ޤައުމީ ދިފާއީބާރުގެ މައިމަރުކަޒުގައި ރަހީނު ކޮށްފައިވާކަން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސިފައިންގެ ގާނޫނުގެ 7 ވަނަ މާއްދާއާއި ބައެއް ސިފައިން ހިލާފުވެ ދިވެހި ދައުލަތައް ޤައްދާރުވެ ބަޢާވާތްކޮށްފައިވާ ކަމަށެވެ.
އަދި 7 ފެބްރުއަރީ 2012 ގެ ބަގާވާތައް ފަހު، އައު ރައީސުލް ޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތު ހިނގައި ދިޔައީ ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 4 ވަނަ ބާބުގެ 114 ވަނަ މާއްދާއާއި ހިލާފައް ކަމަށާއި، އެދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވި ކުރެއްވުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންދޭ ކަމަކަށް ނުވާހިނދު، ކުރެވުނު ހުވާއަކީ ސައްޙަ ހުވައެއް ނޫން ކަމުގައި ދެކޭކަމަށް މައްސަަލައިގައި ބުނެފައިވެއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށާއި، އެޖަލްސާގައި ހުވާލައިދެއްވާނީ އުއްތަމަ ފަޑިޔާރު ކަމަށް ވީހިނދު، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓު ކަމުގައި ވީހިނދު، އަދި ސުޕްރީމް ކޯޓަކީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ދައުލަތުގެ އެންމެންގެ ޙައްޤުތައް ކަށަވަރުކޮށްދޭން އަދި އަދުލު އިންސާފުގެ އެންމެ ފަހުގެ ނިޔާ އިއްވާ ކޯޓު ކަމުގައި ވީހިނދު، އަދިދައުލަތުގެ 3 ވަނަ ބާރުކަމުގައި ވީހިނދު، އަދި ޤައުމަށް ދިމާވެފައިވާ ޙައްސާސީ ހާލަތުގައި އަމަލު ކުރަމުންދާ އެންމެ ހާއުސޫލު ތަކަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންދޭ ކަންކަން ކަމުގައި ބައްލަވާ ފަހުގެ ނިޔާ އިއްވަން ހުންނެވި ފަރާތް ކަމުގައިވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފަތް ހުވައިލައިދެއްވުމުގެ ރަސްމިއްޔާތުގައި ހުވައިލައި ދެއްވާފައިވާތީ، އެކަމުގައިއުއްތަމަ ފަނޑިޔާރު އަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަމުގައި ގަބޫލުކުރަން. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު އަރުވާފައި ނުވާ ކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނަމުންދާތީ، އެދުވަހު ބޭއްވުނު ހުވާ ކުރުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޫން ކަމަށާއި، އެއީ ރޭވިގެން ހިންގިފައިވާ ބަޢާވާތެއް ކަމަށް އަޅުގަނޑުމެން ދެކެންހުށަހަޅާފައިވާ މައްސަލައިގައި ތަފްސީލު
މީގެ އިތުރުން ޓީވީއެމަށް އުދުވާނީ ހަމަލާދީފައިވަނި ފުލުހުންނާއި އެމްއެންޑީއެފްގެ ޔުނީފޯމް އަޅައިގެން ތިބި ޓެރަރިސްޓުންކަމަށް ގަބޫލުކުރާ ކަމަށާއި، ދައުލަތުގެ މީޑިއާގެ ގޭޓަށް ބަޑިޖަހައި މުވައްޒަފުންނާއި އާންމުންގެ ހިތްތަކަށް ބިރުވެރިކަން ގެނެސް މުވައްޒަފުން ރަހީނުކޮށްފައިވާތީ އަދި މިކަމުގައި އެންމެ އިސްފަރާތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފައިވެއެވެ.
ދައުލަތުގެ މީޑިއާގެ އިމާރުގެ ގޭޓަށް ބަޑި ޖަހައި ދައުލަތުގެ މީޑިއަ ރަހީނުކޮށް ދައުލަތުގެ މީޑިއާގެ މުވައްޒަފުން ރަހީނުކޮށް ދައުލަތުގެ ފްރިކުއެންސީ ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ، އެ ޢައިރު ގާނޫނީ އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ހުރިހާ ފަރާތެއްގެ މައްޗަށް ޖިނާއީ އަދުލުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.
މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބުނެފައިވަނީ އެއީ އަގު ނުކުރެވޭނެ ބަދަލެއް ކަމަށާއި، އެހެންކަމުން މާލީ ބަދަލެއް ބޭނުން ނުވާ ކަމަށެވެ. އަދި ފަރުވާއަކަށް އެދެނީ ގެއްލިގެން ދިޔަ އަދުލުގ އިންސާފާއި ރައްޔިތުންގެ ވެރިކަން އަނބުރާ އިއާދަ ކުރުމާއި، ރައްޔިތުންގެ ކުރިމަތީ ޓެރަރިސްޓް އުދުވާނީ ހަމަލާތައް ދިން ފަރާތްތަކުން ދައުލަތުގެ މީޑިއާގައި ޖެހިޖެހިގެން 3 ދުވަހު ކުށަށް އިއުތިރާފްވެ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމެވެ.
އަދި ދައުލަތުގެ މީޑިއާގެ އިމާރާތަށް ބަޑިޖެހި މީހުންނާއި އެތަނަށް ވަނީ ކޮން ބައެއްކަން ސާފުކޮށްދިނުމަށް އެދިފައިވާ އިރު، އެމީހުން ވަތް ހައިސިއްޔަތާއި، އެކަން ކުރުމަށް އަމުރު ނެރުނީ ކޮންބައެއް ކަމާއި، މުވައްޒަފުން ރަހީނުކުރަން އަމުރުކުރީ ކޮން ބައެއް ކަމާއި، ފްރިކުއެންސީ މެދުކަނޑާލަން ޖެހުނު ސަބަބުން ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ޖުމްލަ 16 ކަމެއް ފަރުވާގެ ގޮތުގައި އެދިފައިވެއެވެ.