މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ދިރްހަމް ޓްރޭޑިން ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދައިފިއެވެ.
ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.
މި އަހަރުގެ ރަމަޟާން މަހުގައި އޯޕަން މުބާރާތާއި އޮފީސް މުބާރާތުގެ ކުޅުން ނިންމާލި ނަމަވެސް، ކޮމްޕެނީ މުބާރާތުގެ ތެރެއިން ކްރިކެޓް ކާނިވަލް މެދުކަނޑާލަން ޖެހުނެވެ. އެ ފަހަރު މުބާރާތް މެދުކަނޑާލަން ޖެހުނީ މާލެ ސިޓީގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.
އޭގެ ފަހުން މި މަހުގެ ތެރޭގައި އެ މުބާރާތުގެ ކުޅުން އަލުން ފެށިއިރު، ހުކުރު ދުވަހު ހަވީރު ވަނީ މުބާރާތުގެ ފައިނަލް މެޗު ކުޅެފައެވެ. އެ މެޗުން ދިރްހަމް މޮޅުވީ އިކުއިވަލަންޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ޓީމާ ބައްދަލުކޮށް 46 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ދިރުހަމް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 91 ލަނޑު ހަދާފައެވެ. ޖަވާބުގައި އިކުއިވަލަންޓް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 45 ލަނޑެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 12 ލަނޑު ހަދައި އަދި ދެ އޯވަރުގެ ތެރޭގައި ދެ ވިކެޓް ނަގާފައިވާ ދިރްހަމް ޓީމުގެ މެހެންދި ހަސަނެވެ. އަދި މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިކުއިވަލަންޓް ޓީމުގެ ސަވިންދުރައެވެ.
މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮވިޑުގެ މެދުކެނޑުމަށްފަހު ކޮމްޕެނީ މުބާރާތުގެ ކުޅުން ނިންމާލިއިރު، މީގެ ކުރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނިންމާފައިވަނީ މި އަހަރު މާލޭގައި ބާއްވާ ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 90 އިންސައްތަ ވެކްސިން ޖަހާފައިވާ ޓީމުތަކަށް ކަމަށެވެ.