މުއްދަތުގެ ބޭރުން އެއްވެސް މައްސަލައެއް ނުބަލާނެ ކަމަށް އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ ވިދާޅުވެއްޖެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާފައިވާ ގާނޫނެކެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލައިޒާ ވިދާޅުވީ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމަށާއި، މިމުއްދަތުގެ ތެރޭގައި ހިންގާފައި ހުރި އިންސާނީ ހައްގުތަކާއި ޚިލާފު އަމަލުތައް ބަލާނެ ކަމަށެވެ. އަދި މައްސަލަތައް ބަލާއިރު އެއީ އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ ބަލާ ކަމަށާއި މައްސަލާގައި ހެކި ލިބިފައި ހުރި މިންވަރަށް ވެސް ބަލާ ކަމަށެވެ.
މީގެ އިތުރުން ލައިޒާ ވިދާޅުވީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މައްސަލަތައް ބަލާނެ ކަމަށެވެ. ނަމަވެސް އެމުއްދަތުގެ ބޭރުން ހުށަހަޅާ މައްސަލަތައް ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއޮފީހަކީ ވަކި ގާނޫނެއްގެ ދަށުން ހެދިފައިވާ އޮފީހެއް ކަމަށާއި، އެ އޮފީހުގެ މަސައްކަތަކީ ގާނޫނު ތަންފީޒު ކުރުން ކަމަށެވެ.
މިމުއްދަތުތަކާ އެކުއެކީގައި އެބަ އާދޭ އެހެން ކަންތައްތަކެއް ވެސް. އަޅުގަނޑުމެންނަށް ހުށަހެޅޭ މައްސަލައެއް އެބަ ވާންޖެހޭ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އިސް ހިންގުންތެރިއެއްގެ ފަރާތުން ހިނގާފައިވާ އިންސާނީ ހައްގުތަކާއި ޚިލާފު އަމަލެއް ކަމަށް. ދެން ހަމަ ހައްގުތަކުގެ ވާހަކަ ދައްކާއިރު ގާނޫނު އަސާސީގެ ދެވަނަ ބާބުގެ ހުރިހާ ހައްގުތަކެއް ވެސް ހަމަމީގައި ހިމެނޭ. މިއިން ކޮންމެ ހައްގަކާ ގުޅިގެން ވެސް މި މުއްދަތުގެ ތެރޭގައި އެކަހަލަ ވައިލޭޝަނެއް ހިނގާފައިވާނަމަ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް.އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ
އޮގަސްޓް މަހުގެ 6 ވަނަ ދުވަހާއި ހަމައަށް އޮމްބަޑްސްޕާސަން އޮފީހަށް 124 މައްސަލަ ހުށަހަޅާފައިވެއެވެ. 13 ޖޫން އިން 13 އޮގަސްޓުގެ ނިޔަލަށް މައްސަލަ ހުހަށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މައްސަލަ ހުށަހެޅުމުގެ 70 ފޯމާއި ބަދަލު ހޯދުމަށް އެދި 54 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މަދަނީ 107 މައްސަލައާ ޖިނާއީ 17 މައްސަލަ ހިމެނެއެވެ.