ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް މާލެ ސަރަހައްދުގައި ސްޓެޕް ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާ މި ދިޔަ އަހަރު ކުރަން ފަށާފައިވާ ދިރާސާ މާލެ ސަރަހައްދުގައި ފެށުމަށް ފަހު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެދުކަނޑާލާފައިވާ ކަމަށެވެ.
މި ސާރވޭ މިއަހަރު ނިންމުމުގެ ގޮތުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި މި ދިރާސާގެ މަސައްކަތްތައް އަލުން ކުރިޔަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިއީ މި އެޖެންސީން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
މި ސާރވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެން ކަމަށް ބުނެއެވެ.
މި ސާރވޭ ކުރިޔަށް ގެންދިއުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުމާއި އެހީތެރިކުން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.