އަނިޔާ އިން ސަލާމަތްވެ ޔޫރޮޕާ ލީގުގެ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒްލަޓަން އިބްރާހިމޮވިޗް ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަންނަ ހަފްތާގައި އަޔަކްސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ ފައިނަލް މެޗަށް އިބްރާހިމޮވިޗް ފިޓްކަމަށް ރިޕޯޓްތައް ބުނާއިރު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އިބްރާހިމޮވިޗްވެސް ވަނީ އޭނާ ފައިނަލް މެޗަށް ތައްޔާރުކަމަށް ބުނެފައެވެ.
އިބްރާހިމޮވިޗް އަށް އަނިޔާވީ ޔޫރޮޕާ ލީގުގައި އަންޑަލެކްޓް އަތުން 1-2 ގެ ނަތީޖާއިން ޔުނައިޓެޑް މޮޅުވި މެޗުގައެވެ. އެ މެޗުގައި އިބްރާހިމޮވިޗްގެ ކަކުލު ހުޅަށް ވަނީ އަނިޔާވެފައެވެ. އޭނާގެ ކަކުލު ހުޅަށް އަނިޔާވީ ބޮލުން ޖަހަން ފުންމުމަށް ފަހު ތިރިވި ވަގުތު ދަނޑު މަތީގައި ފައި އެޅުނު ގޮތަކުންނެވެ.
މިދިޔަ ހަފްތާގައި އިބްރާހިމޮވިޗް ކަކުލުހުޅުގެ ސާޖަރީއެއް އެމެރިކާގައި ހަދާފައިވާއިރު، އޭނާ އެނބުރި އިންގްލޭންޑަށް އައިސްފައިވާކަން ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ކަށަވަރުކޮށްދީފައެވެ. ސާޖަރީއަށްފަހުވެސް ރިހެބިލިޓޭޝަންގެ ބައި އިބްރާހިމޮވިޗް އަންނަނީ ފުރިހަމަކުރަމުންނެވެ.
އިބްރާހިމޮވިޗް ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި އެޓީމަށް ޖުމްލަ 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓެޑާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އިބްރާހިމޮވިޗް އެންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފަހު މެޗަށްވުމަކީ ވެސް ވަރަށް ކައިރީގައި އޮތް ކަމެކެވެ.
އިބްރާހިމޮވިޗް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑުން އަންނަނީ އޭނާ އިތުރު އަހަރަކު ކްލަބުގައި ބެހެއްޓުމަށް މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކްލަބުން އޭނާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން އުޅޭ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.