ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 19:22
އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ވަގުތު.އެމްވީ
ރައީސް ޔާމީން ސިޔާސީ ހަރަކާތުގައި
އަތުގައި އޮތީ ބިޑީގެ ބަދަލުގައި ޕާޓީގެ ދިދަ، ޖަލު ހުކުމް ގޭގައި
 
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައި އޮވޭ
 
ހުކުމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެނޭ
 
ގެޔަށް ބަދަލުކުރީ ހައި ރިސްކް ބޭފުޅަކަށްވާތީ ރައްކާތެރިކަން ދިނުމުގެ ގޮތުން

ރައީސް ކަމުގައި ހުންނެވިއިރު ވިދާޅުވީ ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލެއް ނޯންނާނެ ކަމަށެވެ. ގާނޫނީ ހަމަހަމަކަން ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެ ކަމަށް އެ ދުވަހު ވިދާޅުވިއެވެ. ގާނޫނުތަކާއި އެ ގާނޫނުތަކުގެ ހުރިހާ އަކުރަކާއި ގާނޫނުގެ ހަމަތަކާއި މާއްދާތައް ފިލި ކޯޅިއާއެކީ ދަމަހައްޓަން ޖެހޭކަމަށް ވިދާޅުވީވެސް ހަމަ އެ ރައީސެވެ.

ނަމަވެސް ދައުލަތުގެ މާލިއްޔާއިން ވައްކަންކުރުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް އިއްވުމާއެކު، މިއަދު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. މިއަދު ފެންނަނީ ހަމަ ކުޑަ ކެކުރިއާއި ބޮޑު ކެކުރީގެ ފަރަގު ނިކަން ދަނެގެން އުޅުއްވާ ތަނެވެ. ގާނޫނުގެ ހަމަހަމަކަމާއި އިންސާފަކީ ތިމަން މަނިކުފާނަށް އެކަނި ޚާއްސަވާ އެއްޗެކޭވެސް ހީވާކަހަލައެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭނެ ކަަމަށާއި، ގާނޫނުން ލިއްބައިދޭ މިނިވަންކަމާއި، ހައްގުތައް އެންމެންނަށްވެސް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ގާނޫނުއަސާސީން ލާޒިމު ކުރެއެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރެއް ނޫނެވެ. ނިކަމެތި ރައްޔިތު މީހާއަށް މި ދެންނެވި ހަމަހަމަކަމާއި އިންސާފު ނޯންނަ ކަހަލައެވެ. ރައީސްކަން ކުރެއްވުމަކީ ގާނޫނުތައް މުގުރައި، ގާނޫނުގެ އުސޫލުތަކާއި ހަމަތައް ހަނދާން ނައްތާލަން ޖެހޭ ސަބަބެއް ނޫނެވެ.

ކުރީގެ ރައީސް އަބްދު ﷲ ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ގޭގަގައި ބަހައްޓާފައި އެ ހުންނަވަނީ މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާއެއްގެ އަސަރު ރާއްޖެއާ ހިސާބަށްވެސް ފޯރައި، ރާއްޖޭގެ ޖަލުތަކުންވެސް ކޮވިޑް ކޭސްތަކެއް ފެނިގެން ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

އެމަނިކުފާނަކީ ހައި ރިސްކް ބޭފުޅަކަށްވާތީ ރައްކާތެރިކަން ދިނުމުގެ ގޮތުން މިވަގުތަށް ގޭބަންދުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ކަމާބެހޭ އިދާރާތަކުން ނިންމީއެވެ. ނަމަވެސް ފެންނަމުން މިދަނީ އެ ވިދާޅުވާ ހައިރިސްކް ބޭފުޅާ އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަވާ މަންޒަރެވެ. ނުވިތާކަަށް ހުކުމުގައި ހުންނަވައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރެވެ.

ރައީސް ޔާމީނު ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ - ރާއްޖެއެމްވީ

ހުކުރު ދުވަހު "އިންސާފުގެ ދަތުރު" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގަތީ ގޭގައި ހުންނަވައިގެންނެވެ. ކުޑަދޮރު ކައިރިއަށް ނުކުންނަވައި އެމަނިކުފާނު ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.

އަތްޕުޅަށް އަމިއްލަފުޅު ސިޔާސީ ޕާޓީގެ ދިދަ ލައްވައި މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ވިހުރަމުން ގެންދެވިއިރު، އެމްޑީޕީގެ "ފްލެގް މޭން"އަކަށް ވަކި ދުލެއް ނުކުރައްވައެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއްހެން ހީވެސް ނުވެއެވެ. ބަދަލުގައި ފެނިގެން ދިޔައީ ހަމަ ބޮޑު ކެކުރި ކުޑަ ކެކުރިއަށް ބަލައިގެން އަދުލު އިންސާފު ހިނގަމުންދާއިރު ފެނިގެންދާނެ ފަދަ މަންޒަރުތަކެކެވެ.

މިއީ އައު މަންޒަރެއް ނޫނެވެ. ކޮވިޑުގެ ހާލަތަށް ބަލައި އެންމެ ފުރަތަމަ ގެއަށް ބަދަލުކުރިއިރުވެސް މާކަގިނަ ދުވަހެއް ނުވަނީސް ދެން ލިބުނީ ޓެލެގްރާމާއި ވަޓްސްއެޕްގައި އެމަނިކުފާނު އެކްޓިވްވި ކަމުގެ ނޯޓިފިކޭޝަނެވެ. އިވިގެން ދިޔައީ ގޭގައި ހުންނަވައި ފޯނު ބޭނުންކުރައްވައި ސިޔާސީ ހަރަކާތްތައް ފެއްޓެވި އަޑެވެ. ގައިމު މިއަޑުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާއި ހޯމް މިނިސްޓްރީއާއި ދެން ވެސް ނަން ހުސްވަންދެން ހުރި އިދާރާތަކަށް ލިބޭނެތާއެވެ.

މިކަންކަމަށް ފާޑުކިޔާ މީހުން ބުނަމުންދާ އެއް ވާހަކައަކީ އާންމު ނިކަމެތި ރައްޔިތުން ޖަލު ހުކުމާއެކު އުޅެންޖެހޭ ނިކަމެތި ހާލުގެ ވާހަކައެވެ. ބަލި ހާލަތު ގޯސްވެ، ފަރުވާ ނުލިބި ނުހަނު ވޭނުގައި އުޅެމުންދާ އެތައް ގައިދީންނެއް އުޅޭކަން އެފަދަ ގައިދީންގެ އާއިލާތަކުގެ ވާހަކަތައް އަހާލުމުން ސާފުވެއެވެ. ނަމަވެސް ނިކަމެތި މީހާއަށް ނިކަމެތި ގޮތެވެ. ބޮޑު ކެކުރިއަށް ބޮޑު ގޮތެވެ.

އެބޭފުޅާގެ އަތްޕުޅުން ބިޑީގެ ބަދަލުގައި މި ފެންނަނީ ޕާޓީގެ ދިދައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ނުހަނު އަރާމުގައެވެ. ނުވިތާކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން އެ ގެންދަވަނީ ރިޔާސީ ޓިކެޓަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެނޑިޑޭޓަކުވެސް ނޫޅުއްވާނެ ގޮތްގޮތަށެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ބުނާ މާއްދާ އެހާވެސް ބާރު ދެރައީބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
43%
0%
7%
29%
21%
0%
ކޮމެންޓް