ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 11:55
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފެށުން
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފެށުން
-
މާދަރީ ބަސް- ދިވެހި ބަސް
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް
 
ދިވެހި ބަހަކީ ޒަމާނަށް ނުފެތޭ ބަހެކޭ ދެންނެވޭކަށް ނެތް
 
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ވަނީ ފަށާފައި
 
އަމިއްލަ ބަހަކަށް ވުމުގެ އިތުރުުން، އަމިއްލަ އަކުރެއް ވެސް ލިބިގެންވޭ

"އަސަރަކާ އަދި ފޮނިކަމެއް، އެކި ބަސްބަހުން ހަމަ ފެނުނަކަސް،

އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ"

ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ބަހާއޭ ބުނެ އުޅެއެވެ. ދިވެހިންގެ އަމިއްލަވަންތަކަމާއި، ޚާސިއްޔަތު ދައްކުވައިދޭ އެކައްޗަކީ ދިވެހިންގެ މާދަރީ ދިވެހި ބަހޭ ބުނެ އުޅެއެވެ. ބަސް ދަސްކުރުމާއި، ބަހަށް ފަރިތަކުރުވުމަކީ ސުކޫލު ދައުރުން ފެށިގެން ތައުލީމީ މަންހަޖުގައި ވެސް ޚާއްސަ އިސްކަމެއްދީގެން ކުރާ ކަމެކެވެ. މީހަކަށް އެނގޭ ބަހަކުން އެއްޗެއް ކިޔައި ދިނުމުން އެ އެއްޗެއް ގޮސް ވަންނަނީ ސީދާ ސިކުނޑިއަށް ކަމަށާއި، ނަމަވެސް އެމީހެއްގެ މާދަރީ ބަހުން ކިޔައިދޭ އެއްޗެއްގެ އަސަރު ސީދާ ކުރާނީ އެމީހެއްގެ ހިތަށް ކަމަށް މިއީ ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ މާނަފުން ބަސްކޮޅެކެވެ. އަމިއްލަ މާދަރީ ބަހުގެ މުހިއްމުކަން ރަމްޒުކޮށްދޭ ކުޑަ މިސާލެކެވެ.

ދިވެހި ބަހާ މެދު ފަޚުރުވެރިވާން ޖެހޭ ސަބަބުތައް މަދެއް ނޫނެވެ. އަމިއްލަ ބަހަކަށް ވުމުގެ އިތުރުުން، އަމިއްލަ އަކުރެއް ވެސް ލިބިގެންވާ މި ބަހަކީ މުއްސަނދި ބަސްކޮށާރެއް ލިބިގެންވާ އެއްޗެއްކަން މިއީ ދެބަސްވުމެއް ނެތް ހަގީގަތެކެވެ. އޭގެ މިސާލެއްގެ ގޮތުން ކުޑައިރުން ފެށިގެން އަބަދުވެސް އަޑުއަހާ އުޅޭ ވާހަކައެއް ހިއްސާކޮށްލާނަމެވެ. އިނގިރޭސި ބަހުން މުއާމަލާތު ކުރާ މީހަކަށް ރުކެއްގެ ދަށުގައި މަޑުކޮށްލުމުން ފެންނާނީ ހުސް "ކޮކޮނަޓް" ކަމެވެ. ނަމަވެސް ދިވެހި ބަހުން ބުނެދޭއިރު މިރި، ގޮބޮޅި، ކާށިން ފެށިގެން ގޮސް، ގަބުޅި، ކުރޮޅި މިއީ ހަމަ ކުޑަ މިންވަރެކެވެ. މޫދަށް ގޮސް "ލެގޫން" އާއި، "ރީފް" ފެނުނު ނަމަވެސް، އަޅުގަނޑުމެންނަށް ފަޅުފަޅާއި، ހާތަކާއި، ގިރިތަކާއި ފަރުތައް ބުނެދޭން އެނގެނީ ހަމަ ދިވެހި ބަހުގެ މުއްސަނދި ބަސްކޮށާރުގެ ސަބަބުންނެވެ. އަޅުގަނޑުމެން ގައިމުވެސް މާދަރީ ދިވެހި ބަހާމެދު ނުހަނު ފަޚުރުވެރިވެއެވެ.

މިއަދު ދިވެހިންގެ ތެރޭގައި ވެސް އެކި ޤައުމުތަކުގެ، އެކި ނަސްލުތަކުގެ މީހުން އާވެ ގިނަވަމުންދާއިރު، އާދަކާދަޔާއި، ސަޤާފަތްތައް ވެސް މިދަނީ މަސްހުނިވަމުންނެވެ. ބަސް ވެސް މިދަނީ ޒަމާނާ އެއްގޮތަށް އާވެ އަރަފޯދެމުންނެވެ. ގައިމުވެސް ދިވެހި ބަހަކީ ޒަމާނަށް ނުފެތޭ ބަހެކޭ ދެންނެވޭކަށް ނެތެވެ. ދިވެހިންގެ ތެރޭގައި ދިރިއުޅެމުންދާ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންގެ މެދުގައި ވެސް މި ބަހަށް އޮންނަ ޝައުޤުވެރިކަން ބޮޑުކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޅުގަނޑުމެންގެ ދިވެހި ބަހުގެ އަސަރުގަދަކަމާއި ފޮނިކަން މިވަނީ ސީނުކަރައާ ހިސާބަށް ވެސް ފޯރާފައެވެ. ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފެށި ޚަބަރާއެކު ގައިމުވެސް އަޅުގަނޑު ފަޚުރުވެރިވިއެވެ. ޚައްތު އިސްތަވާގައި އޮތް މުތީތަކެއް ފަދަ މި ކުޑަކުޑަ ޤައުމުގެ އަމިއްލަ މާދަރީ ބަހުގެ ބާރު މިއަދު ދުނިޔޭގެ އެންމެ އާބާދީ ބޮޑު، ވަރުގަދަ އެއް ޤައުމާ ހިސާބަށް ވެސް ފޯރީތާއެވެ. މިއީ ދިވެހި ބަހަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި, އަދި ދިވެހި ބަސް ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވެސް ފާހަގަކުރެއެވެ.

ކޮންމެއަކަސް، ކޮންމެ ބައެއްގެވެސް އަމިއްލަ އާދަކާދަތަކާއި ސަޤާފަތްތަކަކީ ޤައުމެއްގެ ހައިސިއްޔަތުން މުހިއްމު ބަހާތަކެކެވެ. ރައްކާކޮށް، ދަމަހައްޓަންޖެހޭ ޖަވާހިރުތަކެކެވެ. ދިވެހިބަސް ވެސް އެފަދައެވެ. ދިވެހި ބަހެއް ނޫނެވެ. ފަޚުރުވެރި ދިވެހި ބަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
33%
33%
33%
ކޮމެންޓް