އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތައްތަކާ ގުޅިގެން ޗެލްސީ ޖޫރިމަނާކުރަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ހިނގާދިޔަ ކަންތައްތައްތަކެއް ރެފުރީންގެ ރިޕޯޓުން ފާހަގަވުމުން އިނގިރޭސި އެފްއޭއިން ބަލާފައިވަނީ ޗެލްސީގެ ދެ މައްސަލައެކެވެ. އެއީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޗެލްސީގެ ރީސް ޖޭމްސްއަށް ސީދާ ރަތް ކާޑެއް ދެއްކުމުން ހިނގާދިޔަ ކަންތައްތަކާއި، ފުރަތަމަ ހާފު ނިމުމުން ދަނޑުމަތީގައި ކުރިއަށްދިޔަ ބައެއް ކަންތައްތަކުގެ މައްސަލައެވެ.
އެ މެޗުގައި ޗެލްސީން ލީޑު ނަގާފައި ވަނިކޮށް ލިވަޕޫލުން ނަތީޖާ އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ ގޯލު ރޮނގުމަތިން ޗެލްސީގެ ޖޭމްސް ބޯޅައިގައި އަތްލުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ޖޭމްސްއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ އޭނާ ގަސްތުގައި ބޯޅައިގައި އަތްލި ކަމަށް ނިންމުމަށްފަހުއެވެ.
އެއާއެކު ޗެލްސީގެ ކުޅުންތެރިން ވަނީ މެޗުގެ ރެފުރީ އެންތަނީ ޓޭލާގެ ނިންމުންތައް ހުރީ އެ ޓީމާ ދެކޮޅަށް ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ވީއޭއާރް ބެލުމުގައި ރެފުރީ ޓޭލާ އަމަލުކުރި ގޮތާ ދޭތެރޭ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްވެސް ވަނީ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނުރުހުން ފާޅުކޮށްފައެވެ.
އެކަމަކު އިނގިރޭސި އެފްއޭއިން އެ މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ 25،000 ޕައުންޑުން ޗެލްސީ ޖޫރިމަނާކުރުމަށެވެ. އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ޗެލްސީ ޖޫރިމަނާކުރަން ނިންމީ ޗެލްސީގެ ބަހެއް ހޯދުމަށްފަހު، އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ދެ މައްސަލައެއް ފާހަގަވުމުން ކަމަށެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު ޗެލްސީ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ފުރަތަމަ ހާފް ނިމުމުންވެސް ޗެލްސީން އެކަން ތަކުރާރުކުރި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި އިނގިރޭސި އެފްއޭއިން ޗެލްސީ ޖޫރިމަނާކުރިއިރު، ޗެލްސީގެ ސަޕޯޓަރުން މީގެ ކުރިން ވަނީ އެ ޓީމުގެ މެޗުތަކުގައި ރެފުރީ ޓޭލާ ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. އަދި އެ ޕެޓިޝަން ތައްޔާރުކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ޓޭލާ އިންސާފުކުރި ގިނަ މެޗުތަކެއްގައި ނިންމުންތައް ހުރީ ޗެލްސީއާ ދެކޮޅަށް ކަމަށް ބުނެއެވެ.