އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށާއި، އޮންލައިންކޮށް މުޢާމަލާތު ކުރެވޭ މި ބޭންކުން 5 މިނެޓު ތެރޭގައި އެކައުންޓް ހުޅުވޭނެ ކަމަށާއި، މިނެޓެއްގެ ތެރޭގައި ލޯނު ލިބޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުން ޑިޖިޓަލް ބޭންކެއް ހުޅުވުމަށް ނިންމައި ލައިސަންސް ހޯދުމަށް އަންގާރަ ދުވަހު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހަޅާފައެވެ.
ލައިސަންސަށް އެދި ހުށަހެޅުމަށްފަހު ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެމްއެމްއޭއަށް ހުށަހެޅުއްވީ ޑިޖިޓަލް ބޭންކެއް އުފެއްދުމަށް ކަމަށާއި، ލައިސަންސަށް ހުށަހެޅި އިރު މިދިޔައަހަރުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިކަމުގައި ކޮށްފައިވާ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކަކީ އާދައިގެން ބޭންކުތަކާޚިލާފަށް ހިންގާ ބޭންކެއް ކަމަށާއި، މި ބޭންކުގައި އެއްވެސް ގޮތަކަށް މީހަކާ ބައްދަލުކުރަން ނުޖެހި އެކައުންޓު ހުޅުވުމާއި އެހެނިހެން މުޢާމަލާތްތައް ކުރެވޭނެ ކަމަށެވެ.
އެންމެ ލަސްވެގެން 5 މިނެޓް ތެރޭގައި އެކައުންޓެއް ހުޅުވޭނެ. ދެން ބޭންކުގެ ލޯނަކަށް އެޕްލައި ކުރާ ހިސާބުން ފެށިގެން 1 މިނެޓް ތެރޭގައި އެކައުންޓަށް ފައިސާ ޖަމާވާނެ. މީގައި ނީނދޭ ވަކި ލިމިޓެއް އަދި ވަކި އެމައުންޓެއް. ކިތަންމެ ކުޑަ ލޯނަކަށް އެޕްލައިކޮށްލާއިރު ވެސް ލިބޭ. ފިހާރަޔަށް ވަދެ އެއްޗެއް ގަންނަން ބަލާ އިރުގައި މަދުވަނީ 1000 ވަރަކަށް ރުފިޔާ. އެހެންވިއްޖެއްޔާ އެހިސާބުން ފެށިގެން ކައުންޓަރާ ހިސާބަށް ދާންވާއިރަށް އެ އަދަދު އިންނާނީ އެކައުންޓަށް ޖަމާވެފައިއެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު
ޢަމްރު ވިދާޅުވީ ބޭންކުތަކުން ލޯނެއް ނުވަތަ ފެސިލިޓީއެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށެވެ. އަދި ލޯނަށް އެދޭއިރު އެމީހަކީ ވަޒީފާއެއްގައި އުޅެން ޖެހޭ މީހެއް ކަމަށާއި، ލޯނު ހޯދުމުގައި އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނަމަ ވަރަށް އުނދަގޫ ކަންތަކާ ދިމާވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އާމްދަނީ ލިބޭ ފަރާތެއް ނަމަ އެ ފަރާތްތަކަށް ބޭންކުތަކުން ލޯނުތައް ލިބުމުގައި ދަތި އުނދަގޫތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ޑިޖިޓަލް ބޭންކާއެކު އެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ޑިޖިޓަލް ބޭންކުން ބަލާނީ ހިސްޓްރީއަށް. ކިހާވަރެއްގެ ފައިސާއެއް ވަދެފައި ހުރިތޯ އަދި ކިހާ ވަރެއްގެ ފައިސާއެއް ޚަރަދުވެފައިވޭތޯ. އަދި އޭނާއަށް ފެންނަން އިންނާނެ އޭނާއަށް އެލިޖަބަލް އަދަދު ވެސް. މީހެއް ކައިރި ބުނަން ނުޖެހޭނެ. އެ އަދަދު އެޕްލައިކޮށްގެން އެބަލިބޭ. އަދި ކާޑު ގެއްލިއްޖެއްޔާ ވަގުތުން ޑިއެކްޓިވޭޓް ކޮށްލެވޭނެ. އަދި (ކާޑު) ފެންނަ އިރަށް އެކްޓިވޭޓް ކޮށްލެވޭނެ. ޕަރސަނަލް ފައިނޭންސް އަމިއްލައަށް މެނޭޖް ކުރެވޭނެ. ޚަރަދު ކުރަނީ ކިހާވަރަކަށްތޯ އަދި ޚަރަދު ކުރަނީ ކޮންކޮންތާކަށްތޯ ކޮފީއަށް ކިހާވަރެއްތޯ އަދި މި ކަންކަން ކުޑަކޮށްލައިފިއްޔާ ލޯނު ލިބެނީ ކިހާވަރަކަށްތޯ އެބަ އިނގޭ. އަދި މި ހުރިހާ ކަމެއް ފޯނުން ފެންނަމުންދާނެ,އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު
ޢަމްރު ވިދާޅުވީ ރާއްޖެފަދަ ގައުމަކަށް, އަދި ވަކިން ޚާއްސަކޮށް ރާއްޖެފަދަ އިޤްތިޞާދެއް އޮންނަ ގައުމަކަށް މުހިންމުވާނެ ކަމަށެވެ. އަންގާރަ ދުވަހު ލައިސަންސަށް ހުށަހަޅާފައިވާ އިރު، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ލިބިގެންދާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ. އަދި ލައިސަންސް ލިބުމުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ބޭންކު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.