ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭނާއާ އަޅާކިޔޭނެ ކުޅުންތެރިއެއް ނޫން ކަމަށް މި ސީޒަނުގައި ޗެލްސީއަށް ބަދަލުވި ބެލްޖިއަމުގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖޯޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
އަދި މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 28 އަހަރުގެ ލުކާކޫ އަލުން އަނބުރާ ޗެލްސީއަށް ބަދަލުވީ އިންޓަ މިލާން ދޫކޮށެވެ. ލުކާކޫ ގަންނަން ޗެލްސީން 97.5 މިލިޔަން ޕައުންޑުގެ ފީއެއް ދެއްކުމާއެކު، އޭނާ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ. އަދި ލުކާކޫ އަކީ ޕްރިމިއާ ލީގުގެ ކުލަބަކުން ދެވަނައަށް އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ ރޮނާލްޑޯއަކީ މުޅިން އެހެން ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށާއި، ފާއިތުވެދިޔަ 15 އަހަރު އޭނާ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އޭނާއާ ރޮނާލްޑޯއާ އަޅާ ނުކިޔޭނެ ކަމަށްވެސް ބުންޏެވެ.
ލުކާކޫ ބުނީ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި، އަދި އެއް ފެންވަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅެފައި ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާއަށް މިހާތަނަށް ހޯދިފައިނުވާ ކާމިޔާބީތަކެއް ކަމަށާއި، ރިކޯޑުތަކުން އެކަނިވެސް ރޮނާލްޑޯއަކީ އޭނާއާ އަޅާކިޔޭނެ ކުޅުންތެރިއެއް ނޫންކަން އެނގޭނެ ކަމަށްވެސް ލުކާކޫ ވަނީ ބުނެފައެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް މިހާތަނަށް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެވެސް ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.