ދަރިވަރުންނަށް ކިޔަވައިދޭ ބައެއް ފޮތްތަކުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ފޮތްތަކުގެ ކުށުގެ މައްސަލަ ތަހުގީގު ކުރަން އެއްހަފުތާ ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ މީހުން ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާއިރު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ މިއީ ކުޑަ މައްސަލައެއް ނޫން ކަމަށާއި މިކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް ނިންމާނެ ކަމަށެވެ. އަދި މިހާރު ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމުގެ މަސައްކަތް މިނިސްޓްރީން އެހެން ބަޔަކާ ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ވަރަށް ދެރަ މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު ވެސް ގުރުއާން ފޮތުގައި ކުށެއް ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ޓީޗަރުންނާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އޭރުއްސުރެ ކުދިންނަށް ކިޔަވައިދެމުން ދިޔައީ އެ ކުށް އިސްލާހުކޮށްގެން ކަމަށް ޓީޗަރުން ބުނާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުދިންނަށް ފިލާވަޅުތައް ނަގައިދިނުމުގައި މައްސަލަ ދިމާވެފައިނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
ސޫރަތްތައް ނަގަނީ ބޭރުގެ އެޕްލިކޭޝަނަކުން ކަމަށް މިނިސްޓްރީން ބުނެފައިވާއިރު އެކަންތައްތައް ވެސް ހަރުދަނާކޮށް ދެވަނަ ފަހަރަށް މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމުގެ އިންތިމާޒުތައް މިނިސްޓްރީން ހަމަޖައްސަމުން ގެންދާ ކަމަށް ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފޮތްތައް ޗާޕުކުރުމުގެ ކުރިން އެންއައިއީ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ފަރާތަކުން މިކަމުގައި އިހުމާލުވެފައިވާއިރު މިހާރު ކުށް ހުރި ފޮތްތަކުގައި ރަނގަޅު ސޫރަތް ޕްރިންޓް ކުރުމަށްފަހު ފޮތްތަކުގައި ތަތްކޮށްދިނުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަން ދިމާވީ ގޮތުގެ ތަހުގީގު މިހާރު ފަށާފައިވާއިރު އިތުރު ފޮތްތަކުން ކުށް ފެނިއްޖެނަމަ މިނިސްޓްރީން އެކަން އިސްލާހު ކުރަމުން ގެންދާނެ ކަމަށެވެ.