ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 19:18
ޒުވާން ގައުމީ ޓީމާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
ޒުވާން ގައުމީ ޓީމާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޒުވާން ގައުމީ ޓީމުގެ ކޭމްޕް
ޒުވާން ގައުމީ ޓީމާއި ނައިފަރުގެ ކުރިމަތިލުން އެއްވަރު
 
ޒުވާން ގައުމީ ޓީމާއި ނައިފަރު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ޖުމްލަ ހަ މެޗެއް ކުޅޭނެ

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ނައިފަރާ ބައްދަލުކޮށް އެއްވަރުވެއްޖެއެވެ.

ނައިފަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އެވެ.

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން ޒުވާން ގައުމީ ޓީމު އެއްވަރުވިއިރު، މި ކޭމްޕުގައި އެ ޓީމުން އިތުރު ފަސް މެޗު ކުޅޭނެއެވެ. އެގޮތުން ހޯމަ ދުވަހު ނ. ހޮޅުދޫއާ ދެކޮޅަށް ކުޅޭއިރު، އަންގާރަ ދުވަހު ޒުވާން ގައުމީ ޓީމު ނުކުންނާނީ ނ. ކުޑަފަރިއާ ދެކޮޅަށެވެ. އެ ދެ މެޗުވެސް ކުޅޭނީ ނައިފަރުގައެވެ. އެއަށްފަހު އަންނަ ބުދަ ދުވަހު ޒުވާން ގައުމީ ޓީމު ހިންނަވަރަށް ދާއިރު، އެ ރަށުގައި އެ ޓީމުން ތިން މެޗެއް ކުޅޭނެއެވެ. އެއީ ހިންނަވަރުގެ އިތުރުން ރ. މީދޫ އާއި ޅ. ކުރެންދޫއާ ދެކޮޅަށެވެ.

މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

ނައިފަރާ ދެކޮޅަށް ޒުވާން ގައުމީ ޓީމުން ނެރުނު ފުރަތަމަ އެގާރަ - އެފްއޭއެމް

ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ކޭމްޕުގައި ސުޒޭން ބައިވެރިނުވާއިރު، މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް