ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 18:51
ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ ހޯދަން މަސައްކަތްކުރުން
ރޮނާލްޑޯ ހޯދަން ޕީއެސްޖީން މަޝްވަރާކުރި
 
ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށް
 
ރޮނާލްޑޯއަށް ޕީއެސްޖީން އެއްބަސްވުމެއް ހުށަހަޅާފައެއް ނުވޭ

ޔުވެންޓަސްއަށް ކުޅެމުން އައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދަން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން މަޝްވަރާކުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރު، ޔުވެންޓަސްއާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މި ޓްރާންސްފާގައި ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވިއިރު، އެންމެ ފުރަތަމަ އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީއަށެވެ. އެކަމަކު ފަހު ވަގުތު ޔުނައިޓެޑުން ވަނީ އެ ޑީލް ތެރެއަށް ވަދެ ރޮނާލްޑޯގެ ސޮއި ހޯދާފައެވެ.

ސްޕެއިނުގެ ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން ވަނީ ރޮނާލްޑޯ ހޯދަން އޭނާއާއެކު މަޝްވަރާކޮށްފައެވެ. އެކަމަކު ޓްރާންސްފާ ބާޒާރު ބަންދުވިއިރުވެސް، ރަސްމީކޮށް ޕީއެސްޖީން އެއްބަސްވުމެއް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީން އެއްބަސްވުމެއް ހުށަނޭޅީ ފްރާންސްގެ ޒުވާން ތަރި ކީލިއަމް އެމްބާޕޭ އެ ކުލަބުގައި ބެހެއްޓުމުގެ އަމާޒުގައި ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރޮނާލްޑޯ އަލުން ޔުނައިޓެޑާ ގުޅުނުއިރު، ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖޯޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ވަނީ ޔުވެންޓަސްއަށް 12.85 މިލިޔަން ޕައުންޑް ދައްކާފައެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު 6.85 މިލިޔަން ޕައުންޑް ޔުނައިޓެޑުން ދައްކާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުން ރޮނާލްޑޯ ވަނީ އެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ބޭނުންވާނަމަ، އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެ ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
25%
25%
25%
0%
0%
25%
ކޮމެންޓް