ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަނަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާގެ އިތުބާރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، ބާސާގެ އައު ރައީސްގެ މަގާމަށް ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ބާސާގެ ކޯޗަކަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ގެންނަން ލަޕޯޓާ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު މި ސީޒަނުގެ ކުރިން ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވަނީ މި ސީޒަނުގައިވެސް ބާސާއަށް އިރުޝާދުދޭނީ ކޫމަން ކަމަށް ބުނެފައެވެ.
ނަމަވެސް މި ފަހުން ބާސާގެ ކުޅުންތެރިންނާ ދޭތެރޭ ކޫމަން ކަންތައް ކުރާ ގޮތުގެ ސަބަބުން އެ ޓީމުގެ ބައެއް ސަޕޯޓަރުން އަންނަނީ ކޫމަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ދާދި ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓަސްއަށް ބަދަލުވި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްވެސް ވަނީ ކޫމަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބެސިކްޓަސްއަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ޕިޔަނިޗް ބުނީ ބާސާގައި ހޭދަކުރި މުއްދަތުގައި އެ ޓީމުގެ ކޯޗު ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށާއި، އެގޮތުން ކޫމަން އޭނާއާ ވާހަކަވެސް ނުދައްކާ ކަމަށެވެ.
އަދި އޭނާއަކީ ކަންތައްތައް ތަފުސީލުކޮށް ކިޔާ ދިނުމުން އެ ކަމެއް ގަބޫލުކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާއާ ދޭތެރޭ ކޫމަން ކަންތައްތައް ކުރި ގޮތަކީ ކޯޗެއްގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ ދަށު ދަރަޖައިގެ އެއް ކަންތައް ކަމަށްވެސް ބުންޏެވެ. އެއާއެކު މުސާރަ ކުޑަކޮށް ބެސިކްޓަސްއަށް ބަދަލުވަން ނިންމީ ފުޓްބޯޅައަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށްވެސް ޕިޔަނިޗް ވަނީ ބުނެފައެވެ.
އެކަމަކު ސްޕެއިނުގެ ރިޕޯޓުތައް ބުނާ ގޮތުން ކޯޗު ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ބާސާގެ މެނޭޖުމަންޓުން މި ވަގުތު ނުގެންގުޅެއެވެ. އެގޮތުން ލަޕޯޓާގެ ޕްލޭނުގައި ކޫމަން ހިމެނޭ ކަމަށާއި، އެހެންކަމުން ކޫމަނަށް ލަޕޯޓާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ސީޒަނުގައިވެސް ކޫމަން ބާސާއަށް އިރުޝާދުދޭއިރު، އޭނާގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.