ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 18:01
އޭދަފުށީ ދަނޑުގައި ތަރައްގީކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރިގެ ކުރެހުމެއް
އޭދަފުށީ ދަނޑުގައި ތަރައްގީކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރިގެ ކުރެހުމެއް
ސިއާކް
އޭދަފުށި ޓާފް ދަނޑު
އޭދަފުށި ސްޓޭޑިއަމް: މުޅި ރާއްޖެ ފަޚުރުވެރިވާނެ ހިތްގައިމު ސްޓޭޑިއަމެއް
 
މުޅި ރާއްޖޭގައި އޮތް އެންމެ ނަލަ ދަނޑަށް ވެގެންދާނެ
 
މޮޅު ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްކުރޭ
 
ސިޑިބަރީގައި ގާތްގަނޑަކަށް 850 ސަޕޯޓަރުނަށް ތިބެވޭނެ

ދިވެހި ފުޓްބޯޅައިގައި އެތައް ގޮތަކުން ފާހަގަކުރެވޭ ބ. އޭދަފުއްޓަކީ ފުޓްބޯޅައިގެ ޒަމާންވީ މާޒީއެއް އޮތް ފުޓްބޯޅައިގެ ރަށެކެވެ. އުފެދުމުގައި ފުޓްބޯޅަ ހުނަރުހުރި ކުޅުންތެރިން ތިބި ރަށެކެވެ. މުޅި އަތޮޅާއި ރާއްޖޭގައިވެސް އޭދަފުށި ފާހަގަކުރެވެނީ ފުޓްބޯޅައިގެ މޮޅު ކުޅުންތެރިން އުފައްދާ އިންޖީނެއްގެ ގޮތުގައެވެ.

މާލެ އައިސް 1990 ގެ އަހަރުތަކުގައި އޭދަފުށި ޓީމު ވަނީ މާލެ ގަލޮޅު ދަނޑުގައި އެ މީހުންގެ ފެންވަރު ދައްކާލާފައެވެ. އޭރުވެސް މިހާރުވެސް އޭދަފުށި ފާހަގަކުރެވެނީ ފުޓްބޯޅައިގެ ހުނަރުހުރި ރަށެއްގެ ގޮތުގައެވެ.

އޭދަފުށީގެ ރަން ޒާމާނުގައި އެ ޓީމު ތަމްސީލުކުރި ކުޅުންތެރިންގެ ފަރާތުން މިއަދުވެސް ފެންނަނީ ފުޓްބޯޅައިގެ ލޯބި އޮތް މިންވަރެވެ. އަބްދުލް މަޖީދު، މުޙައްމަދު އިމްރާން، އަޙްމަދު ރިޒާ (އައްމަނު)، ހަމީދު (ކުޑަ ހަމީދު)، މުޙައްމަދު ނައީމް، އަބްދުއް ރައްޒާގު، އަބްދުލް އަޒީޒު (ވާއަތްތެރި)، އާމިދު (ދިގަލި) މިއިން ކޮންމެ ކުުޅުންތެރިއަކީވެސް އޭދަފުށީގެ ފުޓްބޯޅައަށްޓަކައި ގުރުބާނީތަކެއް ވެފައިވާ ކުޅުންތެރިނެވެ. މިއީ 1985 ވަނަ އަހަރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމަށް ހޯދައިދީ، އެއްވަނަ ޑިވިޝަނަށް އެ ޓީމު ގެންގޮސްދިން ހިތްވަރު ގަދަ ކުޅުންތެރިންނެވެ. އޭގެ ފަހުން 1986 ވަނަ އަހަރުން 1992 ވަނަ އަހަރާ ހަމައަށް އޭދަފުށި ވަނީ މާލެގައި އެއްވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ.

ދިވެހި ފުޓްބޯޅަ، އެކަމަކަށްޓަކަށް އެންމެ ފަޚުރުވެރިވާ ސާފް ޗެމްޕިއަންޝިޕް ހޯދިއިރުވެސް އޭދަފުއްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ވަނީ ހިމެނިފައެވެ. 2000 ގެ އަހަރުތަކަށް ބަލާއިރު މުޙައްމަދު ޖަމީލް (ޖަމްބޭ)، މުޙައްމަދު ޝިފާން (ކުޑައްޓޭ)، ޝާފިއު އަޙްމަދު (ޝާފީ)، އާފިއު މުޙައްމަދު، އަޙްމަދު ސައީދު، އަޙްމަދު ޝައްފާޒް (ސައްޕޭ)، މުޙައްމަދު ޒާހިދު (ބައްޓޭ) އަކީ ދިވެހި ފުޓްބޯޅަ ކުލަބުތަކުން އަބަދު ލޯ އަޅަމުންދިޔަ ހުނަރުވެރިންނެވެ. މިހާރުގެ ފުޓްބޯޅަ ޖީލަށް ބަލާއިރު އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި އަޙްމަދު ސުހެއިލް (ބަމްޕުޗު) އަކީ އޭދަފުށީގެ ނަން ދަމަހައްޓަމުންދާ ކުޅުންތެރިންނެވެ.

މިފަދަ ހުނަރުން ފުރިގެންވާ ފުޓްބޯޅަ ޖީލެއް އޮތް ރަށަކަށް ބޭނުން ވަނީ ޒަމާނީ ކުޅިވަރުގެ ވަސީލަތްތަކެވެ. އުމުރުން ދުވަސްވީ ކުޅުންތެރިންނާއި މިހާރުގެ ފުޓްބޯޅަ ޖީލުވެސް އެދެނީ އޭދަފުށީގައި އެންމެ ޒަމާނީ ފުޓްބޯޅައިގެ ވަސީލަތް ގާއިމުވެގެންދިޔުމެވެ.

ފުޓްބޯޅަ ކުޅުންތެރިން އުފައްދާ އިންޖީނެއްގެ ގޮތުގައި ފާހަގަކުރެވޭ އޭދަފުށީގެ މި އުއްމީދު ހަގީގަތަކަށް ވެގެންދިޔައީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހެވެ. އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަޙްމަދު ނަޒީރުގެ ދީލަތި އެހީތެރިކަމާއެކު އޭދަފުށީގައި މަތީ ފެންވަރުގެ ފީފާ އެޕްރޫވްޑް ޓާފް ދަނޑެއް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވާފައިވާއިރު، ދަނޑު މުޅިން ނިމިގެންދާއިރު މި ދަނޑު ވެގެންދާނީ ބައިނަލްއަގުވާމީ ފެންވަރުގެ ރީތި ހިތްގައިމު ދަނޑަކަށެވެ. މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާނެ އަދި އޭދަފުށީ މުޅި ދުނިޔެއަށް ހުޅުވާލެވިގެންދާނެ ދަނޑަކަަށެވެ. ދަނޑުގެ މުޅި ޕްލޭން ބަލާލުމުން ފެނިގެންދަނީ އެތައް މިލިޔަން ޑޮލަރެއް މުޅި މަޝްރޫއަށް ޚަރަދުކުރަން ނިންމާފައިވާ ތަނެވެ.

އޭދަފުށީ ދަނޑުގައި ރޮސްޓްރަމާއެކު ހަދާ ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - އޭދަފުށި ޓައިމްސް

މިހާރުވެސް ވަރަށް ރީތި ހިތްގައިމު ދަނޑެއްގެ ގޮތުގައި ފެންނަން އޮތް އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާއެކު ސިޑިބަރި ހިމެނޭގޮތަށް ތަރައްގީކުރުމުގެ މަސައްކަތް ހުކުރު ދުވަހު ވަނީ ފަށާފައެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ދަނޑުގައި ރޮސްޓްރަމް އާއި ސިޑިބަރީގެ ބިންގާ އަޅައިފައިވާއިރު، އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބިންގާ އަޅައިދިނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އޭދަފުއްޓަށް އުފަން މުޙައްމަދު ޖަމީލް (ޖަމްބޭ) އާއި، މުޙައްމަދު ޝިފާން (ކުޑައްޓޭ) އަދި 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނުނު އޭދަފުށީގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމުއިއްޔާ ވާދަކުރިއިރު މޮޅު ކުޅުމެއް ދެއްކި އަބްދުލް މަޖީދު ހަސަނެވެ.

މި މަޝްރޫއަށް ގާތްގަނޑަކަށް ދެ މިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބައިނަލްއަގްވާމީ ފެންވަރުގެ މެޗުތައް ކުޅެވޭގޮތަށް ތަރައްގީކުރާ ދަނޑުގެ ރޮސްޓްރަމް އާއި ސިޑިބަރި ތަރައްގީކޮށް ނިމޭއިރު އެ ދަނޑުން ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އޭދަފުށީ ކައުންސިލުން ވަނީ ބުނެފައެވެ. ސިޑިބަރި ތަރައްގީކޮށް ނިމޭއިރު 850 ސަޕޯޓަރުންނަށް ފަސޭހަކަމާއެކު ތިބެވޭނެ ޖާގަ އޮންނާނެއެވެ. އަދި ވީވީއައިޕީއަށް ޚާއްސަ 30 މީހުންގެ ޖާގައިގެ ތަނަވަސް ތަނަކާއި، ވީއައިޕީއަށް ޚާއްސަކޮށް ގާތްގަނޑަކަށް 100 މީހުންގެ ޖާގައިގެ ތަނެއް ރޮސްޓްރަމުގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މަސައްކަތް އެއްކޮށް ފުރިހަމަވާއިރު ވީވީއައިޕީއަށް ޚާއްސަކުރާ ބައި ހުންނާނީ އޭސީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. މީގެ އިތުރުން ވީއައިޕީ ވެއިޓިން ލޯންޖަކާއި، ނަމާދު ކޮޓަރިއަކާއި، ޕްރެސް ރޫމަކާއި، ދެ ޓީމުގެ ޗޭންޖިން ރޫމާއި، މެޑިކަލް ރޫމާއި، މީޑިއާ ބޮކްސް އާއި، ސްޓޭޑިއަމް އޮފީހާއި، ކޯޗުންގެ ރޫމުގެ އިތުރުން ރެފުރީންނަށް ޚާއްސަކޮށް ކޮޓަރިއެއް އެ ތަނުގައި ތަރައްގީކުރާނެއެވެ. ހަމަ އާއެކު ވީއައިޕީ ރިފްރެޝްމަންޓަށް ވަކިން ތަނެއް ހަމަޖައްސައި، އެމްބިއުލާންސަށް ހާއްސަ ޕާކިން ސަރަހައްދެއްވެސް ދަނޑުގައި ކަނޑައަޅަށް ވަނީ ނިންމާފައެވެ. ސިޑިބަރީގައި ހަރުކުރަން ނިންމާފައިވަނީ ބައިނަލްއަގުވާމީ ދަނޑުތަކުގައި ބޭނުންކުރާ ފެންވަރުގެ ގޮނޑިއެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިބަލަން ތިބެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ކައުންސިލުން އިތުރަށް ބުނީ ސިޑިބަރީގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށައި، އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ފެންވަރަށް އޭދަފުށީ ދަނޑު ތަރައްގީވެގެން ނިމޭއިރު ރާއްޖޭގައި ބައިނަލްއަގުވާމީ މެޗުތައް ހަމައެކަނި ކުޅޭ ދަނޑު ކަމަށްވާ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑަށް ވުރެން އެތައް ގޮތަކުން ފުރިހަމަވެގެންދާނެއެވެ. އަދި މުޅި ރާއްޖޭގައި އޮތް އެންމެ ނަލަ ދަނޑަށް ވެގެންދާނެއެވެ.  

އޭދަފުށީގައި ގާއިމުކޮށްފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު - އޭދަފުށި ޓައިމްސް

ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މިހާރު އަންނަނީ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ލައިޓުތައް ހަރުކުރަން ބޭނުންވާ ކޭބަލް އަޅައި، ލައިޓް ދަނޑިތައް މިހާރު ވަނީ ޖަހާފައެވެ. މުޅި ދަނޑަށް ކަރަންޓް ދެވޭނެ ޖަނަރޭޓަރު ސިސްޓަމަކާއެކު ފެންވަރު ރަނގަޅު އިންޖީނުގެއެއް މިހާރު ވަނީ ދަނޑުގައި ގާއިމުކޮށްފައެވެ. ހަމައެކަނި ދަނޑަަށް ކަރަންޓް ދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެ އަކީ ރަށަކަށް ކަރަންޓް ދިނުމަށްވެސް ގާއިމުކުރާނެ ޒަމާނީ އިންޖީނުގެއެކެވެ.

މީގެ އިތުރުން ދަނޑުގެ ޓާފް ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް މުޅި ދަނޑަށް ފެން ޖެހޭނެ ޒަމާނީ ނިޒާމެއްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ. މުޅި ދަނޑު ވަށައިގެން ފެންޖެހޭގޮތައް ފެނުގެ ނިޒާމު ގާއިމުކޮށްފައިވާއިރު، ދަނޑަށް ފެން ޖެހުމައްޓަކައި ގާއިމުކޮށްފައިވާ ނިޒާމުން ހަތަރު މިނެޓާއި އަށް މިނެޓުގެ ތެރޭގައި މުޅި ދަނޑަށް ފެން ޖެހޭނެއެވެ. ދަނޑަށް ފެންޖަހާ ނިޒާމު ގާއިމުކޮށްފައި ވަނީ ހާއްސަ ފެން ޕަމްޕް ސްޓޭޝަނަކުންނެވެ. މި ސްޓޭޝަނުގައި ފެން އެޅުމަށްޓަކައި ބޮޑެތި އަށް ހަން ބެހެއްޓިފައިވާއިރު، އެ ހަންތަކަށް ފެންއެޅުމަށް ބޮޑެތި ޕަމްޕްތަކެއް ވަނީ ގާއިމުކޮށްފައެވެ.

ސްޓޭޑިއަމުގެ އެއް ފަޅީގައި ތަރައްގީކުރާ ފިހާރަބަރި ނިންމައި ދެން އޮތީ އެތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތެކެވެ. އެތަނުގައި ރާނާ ނިންމާފައިވަނީ ތިން ފިހާރަ އާއި ކެފޭ ގޮތަށް ދޫކުރާ އިމާރާތެކެވެ. އެތަންތަން ކުއްޔަށް ދޫކުރެވުމުން ދަނޑުގެ މަރާމާތުގެ ޚަރަދާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށެވެ. ދަނޑުގައި އަރިމަތީގައި އާއްމުން ބޭނުންކުރާނެ ފާޚާނާ ބަރިތަކެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ފާޚާނާ ބަރިތަކަކީވެސް މިހާރު ރާއްޖޭގެ އެއްވެސް ދަނޑެއްގައި ނެތް ފަދަ ރީތި ފާޚާނާ ބަރިއެކެވެ.

އޭދަފުށީ ޓާފް ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު، ފުޅާމިނުގައި 68 މީޓަރު ހުރެއެވެ. ދަނޑުގައި އަޅާފައިވަނީ ފީފާއިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އޭދަފުށި ޓާފް ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު، އެ ރަސްމިއްޔާތަށްފަހު ވަނީ އެ ދަނޑުގައި ވެޓަރަންސް ފުޓްބޯޅަ މެޗެއް ކުޅެފައެވެ. އެ މެޗުގައި ވާދަކުރީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި ހުޅުމާލޭ ވެޓަރަންސް ޓީމެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުޅުމާލޭ ވެޓަރަންސް ޓީމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
5%
90%
5%
0%
0%
0%
ކޮމެންޓް
7 ސެޕްޓެންބަރ 2021 | އަންގާރަ 10:49
މުޖޫގެ މޮޔަ
މުޖޫ ބްރޯ. މަޙްލޫފު ދަނޑަކަށް ކަމެއް ނުކޮށްދޭ. މި ހަބަރު ރަނގަޅަށް ކިޔާލާ. މީ އޭދަފުށީގެ މިލިއަނަރ އަބްދުﷲ ނަޒީރުގެ އަމިއްލަ ޙަރަދުގައި އަޅައިދޭ ދަނޑެއް. މަހޭވެސް، މަވެސް އިބޫވެސް ވައްކަން ކޮށްފިޔާ ފިޔަވަޅު އަޅަން ޖެހޭނެ.
5 ސެޕްޓެންބަރ 2021 | އާދީއްތަ 19:25
މުޖޫ
ސާބަހޭ މިނިސްޓަރ މަހްލޫފް. މަނިކުފާނަށް ލަ އިގެންފަ އި ތިވާ ބޮޑު ދަންތުރަ އިން ސަލާމަތް ކޮށްދެ އްވުން އެދި މާތް ﷲ އަށް ކެނޑިނޭޅި ދުޢާ ދަންނަވަން.