ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 19:41
އޭދަފުށީ ދަނޑުގައި ތަރައްގީކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރިގެ ކުރެހުމެއް
އޭދަފުށީ ދަނޑުގައި ތަރައްގީކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރިގެ ކުރެހުމެއް
ސިއާކް
އޭދަފުށި ޓާފް ދަނޑުގެ މަސައްކަތް
އޭދަފުށި ޓާފް ދަނޑު އިތުރަށް ތަރައްގީކުރަނީ
 
ސިޑިބަރީގައި ގާތްގަނޑަކަށް 850 ސަޕޯޓަރުނަށް ތިބެވޭނެ
 
އެ ދަނޑުގައި ވެޓަރަންސް ފުޓްބޯޅަ މެޗެއް ވަނީ ކުޅެފައި

ބ. އޭދަފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ދަނޑަކީ އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަޙްމަދު ނަޒީރުގެ އަމިއްލަ ޚަރަދުގައި އޭދަފުށީގައި އެޅި ޒަމާނީ ފެންވަރުގެ ޓާފް ދަނޑެކެވެ. މި ދަނޑުގައި ޓާފް އެޅުމަށްފަހު ރަސްމީކޮށް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މި ދަނޑުގައި ރޮސްޓްރަމަކާއެކު ސިޑިބަރި ހިމެނޭގޮތަށް ތަރައްގީކުރުމުގެ މަސައްކަތް ހުކުރު ދުވަހުގެ ފެށިއިރު، އެ ދުވަހުގެ ހަވީރު އޭދަފުށީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަނީ އެ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅާފައެވެ.

ބިންގާ އަޅައިދިނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އޭދަފުއްޓަށް އުފަން މުޙައްމަދު ޖަމީލް (ޖަމްބޭ) އާއި، މުޙައްމަދު ޝިފާން (ކުޑައްޓޭ) އަދި 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނުނު އޭދަފުށީގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމުއިއްޔާ ވާދަކުރިއިރު މޮޅު ކުޅުމެއް ދެއްކި އަބްދުލް މަޖީދު ހަސަނެވެ.

އޭދަފުށީ ދަނޑުގައި ރޮސްޓްރަމާއެކު ހަދާ ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - އޭދަފުށި ޓައިމްސް

މި ދަނޑުގައި ތަރައްގީކުރާ ސިޑިބަރީގެ މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 850 ސަޕޯޓަރުނަށް ތިބެވޭނެއެވެ. އަދި ވީވީއައިޕީއަށް ޚާއްސަ 30 މީހުންގެ ޖާގައިގެން ތަނަކާއި، އަދި ވީއައިޕީއަށް ޚާއްސަކޮށް ގާތްގަނޑަކަށް 100 މީހުންގެ ޖާގައިގެ ތަނެއް ރޮސްޓްރަމްގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވީއައިޕީގައި ލައުންޖަކާއި، ނަމާދު ކޮޓަރި އަކާއި، ޕްރެސް ރޫމާއި، ދެ ޓީމުގެ ޗޭންޖިން ރޫމާއި، މެޑިކަލް ރޫމާއި، މީޑިއާ ބޮކްސް އާއި، ސްޓޭޑިއަމް އޮފީސް، އަދި ކޯޗުންގެ ރޫމުގެ އިތުރުން ރެފުރީންނަށް ހާއްސަކޮށް ކޮޓަރިއެއް އެތަނުގައި ތަރައްގީކުރަންވެސް ވަނީ ހަމަޖެހިފައެވެ. ސިޑިބަރީގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށާއިރު، އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް އެއްކޮށް ނިންމާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އޭދަފުށި ޓާފް ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު، އެ ރަސްމިއްޔާތަށްފަހު ވަނީ އެ ދަނޑުގައި ވެޓަރަންސް ފުޓްބޯޅަ މެޗެއް ކުޅެފައެވެ. އެ މެޗުގައި ވާދަކުރީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި ހުޅުމާލޭ ވެޓަރަންސް ޓީމެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުޅުމާލޭ ވެޓަރަންސް ޓީމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް