ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވައި ރެކިގަންނަން އޮތް ގޮތެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކޮށް އެޕާޓީން ނެރުނު ނޫސްބަޔާނުގައެވެ.
އަދާލަތު ޕާޓީން ބުނީ ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމަށް އެއްވެސް ހަމައެއް ލަމައެއް ނެތި، ހާމަކަން ބޮޑުގޮތެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އެންމެހާ ޝަރުއީ ކޯޓުތައް ހިމެނޭހެން ޝަރުއީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި، ގާނޫނު ހަދާ މަޖިލީހާއި، ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ގަދަރު ގެއްލުވާލައި، ތަކުރާރުކޮށް ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށްފައިވާ ކަމަށެވެ.
އަދުލުއިންސާފުގެ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ކާމިޔާބުކަމާއެކު ފުއްދެމުން ދިއުމަކީ އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް އަދާލަތުން ބުނެއެވެ.
އާދަލަތުން ބުނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ސަރުކާރުން ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގުވައްޓާލައި، އަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފު ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށް އަދާލަތުން ބުނެއެވެ.
އަދާލަތުން ބުނީ ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރައި، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވައި މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން ކަމަށެވެ.
އަދުލުއިންސާފަށް ހުރަސްއަޅައި،، އަމިއްލަ މަންފާއަށް ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ގަދަރުކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް ވެސް އަދާލަތުން ގޮވާލާފައިވެއެވެ.
އިދިިކޮޅު ޕީޕީއެމް/ޕީއެންސީއަށް އަދާލަތުން ވަރުގަދަ ރައްދެއް ދީފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުގެ ފަރާތުން އަންގަން ބޭނުންވި އެންގުންތައް އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ.