ރިހިވެލި ބީޗް ރިސޯޓު މައްސަލައަކީ ކުންފުނިތަކުގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް ކަމަށާއި، އެކަން ހައްލު ކުރެވޭނީވެސް އެ ފަރާތްތަކަށް ކަމަށް އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފިއެވެ.
ޝެއަރ ހޯލްޑަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި ރިސޯޓުގެ މައްސަލަ ހޫނުވެ އެންމެ ފަހުން ރިސޯޓު ހިންގުމުގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. ސިވިލް ކޯޓުގެ އަމުރަށް ރިޢާޔަތް ކުރުމަށްފަހު، ރިހިވެލި ބީޗް ރިސޯޓުގެ ހިންގުމުގެ ލައިސަންސް ބާތިލުކޮށްފައި ވަނީ 2 ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހުއެވެ.
އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިސޯޓް މައްސަލާގައި ކޯޓު އަމުރާ އެއްގޮތަށް މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށް ބެލެވޭ އިރު، މިފަދަ މައްސަލަތަކަކީ ތަރޑް ޕާޓީއާ ކްލައިންޓުންނާ ދޭތެރޭގައި އޮންނަ ކަމެއް ކަމަށެވެ. އަދި އެކަންކަމުގައި މިނިސްޓްރީން ވަކި ގޮތެއް ނުނިންމާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ވިދާޅުވީ ތަނެއްގައި ކަމެއް ހިނގައިފިނަމަ އެތަނެއްގައި ތިބި ބަޔަކު އެތަނުން އެހެންތަނަކަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެމީހުން ގެންދިއުމަކީ އެބައެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ އެރޭންޖްމަންޓް ހެދެން ޖެހޭނެ ކަމަށާއި، އެތަނުގައި ހިނގަމުންދަނީ ޕަބްލިކަށް ނޭނގޭވަރުގެ ކަންތައްތަކެއް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެހެން ބަޔަކާ ހަދާފައި އޮތް އެގްރީމެންޓެއްގެ މައްސަލައެއް ޖެހިއްޖެނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށާއި، އޮޕަރޭޝަން ލައިސަންސް ވެސް އޮޓަމެޓިކުން ބާތިލްވާނެކަމަށް ދެކޭކަމަށް އެފަރާތުން ވިދާޅުވެއެވެ. އަދި މި މައްސަލަ ފެންމަތިވީ މަހަލް ޓުއަރސްއިން ސަބްލީޒް ކުންފުންޏާ އެއްބަސްވުމެއް ހަދާފައި، އެ ކުންފުންޏަކީ 50-50 އިންސައްތަ ޝެއަރ އޮންނަ ކުންފުންޏަކަށް ވެފައި، 50-50 އިންސައްތަ އޮންނަ ކުންފުނި ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށާއި، މަހަލް ޓުއަރސްއިން ކުރި ކަމަކީ މީގެ ކުރިން ވެސް ފުރުސަތު ދީފައިވާނެ ކަން ފާހަގަކޮށް އެއްބަސްވުން އުވާލީ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ވަނީ ވިދާޅުވެފައެވެ.
ރިހިވެލި ބީޗް ރިސޯޓު ހިންގުމުގެ ލައިސަންސް ބާތިލްކޮށްފައިވާއިރު، މަހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން, ސަބްލީޒްކޮށްފައިވާ ރިހިވެލި ބީޗަށް އަރައި މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް އެ ކުންފުނީގެ 7 ހިއްސާދާރުން ބުނެފައިވެއެވެ. ކުންފުނީގެ ހިއްސާދާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުން އެ ރިސޯޓުން ބޭލުމަށް، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ކަމަށް ބުނެ ބަޔަކު އެ ރިސޯޓަށް އަރައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން ހިންގާފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ ބައިވެރިވުން އޮވެގެން ނޫން ކަމަށާއި، ތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ހިންގުމަކީ ހިއްސާދާރުންގެ ހައިސިއްޔަތުން އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫންކަމަށެވެ.
މީގެ އިތުރުން ކުންފުނީގެ ހިއްސާތަަކަށް ބަދަލު ގެނެސްފައިވާ ގޮތާއި، ޑިރެކްޓަރުންގެ ބޯޑާމެދު ގާނޫނީ މައްސަލަތަކެއް އުފެދިފައިވާތީ އެ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، އެރަށް ފަތުރުވެރިންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.
ރިސޯޓުގެ ކުރީގެ މެނޭޖްމަންޓާ މިހާރުގެ މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މަހަލް ޓުއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020 ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް، 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.
ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރުމުގެ ގޮތުން "ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެކު 8 މެއި 2018 ގައި އެކުންފުނިން ވި އެއްބަސްވުން ބާތިލުކުރި މައިގަނޑު އެއް ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީޒް ރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުން ކަމަށް މަހަލް ޓްއަރސްއިން ބުނެއެވެ.
މަހަލް ޓުއަރސްއިން ބުނީ ހެޑްލީޒް ރެންޓުގެ ގޮތުގައި 323،188.79 ޔޫއެސް ޑޮލަރު (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ އަށްޑިހަ އަށް ޔޫއެސް ޑޮލަރު ހަތްދިހަނުވަ ސެންޓް)، އަދި ސަބްލީޒް ރެންޓުގެ ގޮތުގައި 1،000،000.00 ޔޫއެސް ޑޮލަރު (އެއްމިލިޔަން ޔޫއެސް ޑޮލަރު) ނުދައްކާ ކަމަށެވެ.
ރަށުގެ ހެޑްލީޒް ރެންޓު ނުދެއްކުމުން މީރާއިން ތަކުރާރުކޮށް ނޯޓިސްދެމުން ގޮސް މިހާރު ރެޑް ނޯޓިސް ފޮނުވާފައިވާ ކަމަށް މަހަލް ޓުއަރސްއިން ބުނެއެވެ.
މަހަލް ޓުއަރސްއިން ބުނީ ކުލި ނުދެއްކުމުގެ އިތުރުން ސަބްލީޒް އެގްރީމެންޓް ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި އެރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީ ފަދަ ތަންތަން ވެއްޓޭ ހިސާބަށް ދިއުމާއި، ނަރުދަމާއާއި އަލިފާންނިވާ ނިޒާމާއި އިންޝުއަރެންސާ ނުލައި ރަށް ހިންގުމާއި އަދި އެތަކެއް މަސްދުވަސް ވަންދެން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ގިނަގުނަ ކަންތައްތައް ކުރުން ހިމެނޭ ކަމަށެވެ.