ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 18:30
މިލާނަށް ކުޅުނު ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް
މިލާނަށް ކުޅުނު ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް
ގެޓީ އިމޭޖަސް
މަންޒުކިޗް ކުޅުން ހުއްޓާލުން
މަންޒުކިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
 
ފުޓްބޯޅަ ކުޅުން ހުއްޓާލީ އުމުރުން 35 އަހަރުގައި
 
މަންޒުކިޗް އެންމެ ފަހުން ކުޅުނީ އޭސީ މިލާނަށް

ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް އެންމެ ފަހުން ކުޅުނު ޓީމަކީ އޭސީ މިލާނެވެ. މަންޒުކިޗް މިލާނާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މިދިޔަ ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަދައި މިލާނަށް ކުޅެން މަންޒުކިޗް ނިންމި ނަމަވެސް، އަނިޔާގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެގޮތުން މިލާނަށް މަންޒުކިޗް ކުޅެދީފައިވަނީ އެންމެ 11 މެޗެވެ. އަދި އަނިޔާގައި ހުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ މުސާރަ ޗެރިޓީއަށް ދޭން މަންޒުކިޗް އެ ފަހަރު ނިންމިއެވެ.

އެހެންކަމުން މދިޔަ މެއި މަހުގެ ތެރޭގައި މަންޒުކިޗް ވަނީ މިލާނުގެ އެއްބަސްވުން އާނުކޮށް، އެ ޓީމު ދޫކޮށްލާފައެވެ. އަދި އޭގެ ފަހުން އޭނާ ޓީމަކާ ގުޅިފައި ނުވާއިރު، ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ފުޓްބޯޅަ ކުޅުން ހުއްޓާލަން މަންޒުކިޗް ނިންމިއިރު، މިދިޔަ ހަފުތާގައި އޭނާއަށް ވަނީ ދެ ޓީމަކުން ހުށަހެޅުން ލިބިފައެވެ.

މަންޒުކިޗް ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، މިލާނުގެ ކުރިން އޭނާ ކުޅެފައިވަނީ ގަތަރުގެ އަލް-ދުހައިލަށެވެ. ގަތަރު ލީގަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަންޒުކިޗް ބަދަލުވި ނަމަވެސް، ހަ މަސް ފަހުން ދުހައިލާއެކު ހަދާފައިވާ އެއްބަސްވުން މަންޒުކިޗް އުވާލީ ދެ ފަރާތް އެއްބަސްވެގެންނެވެ.

އަދި މީގެ ކުރިން ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބާއި، ޖަރުމަނުގެ ވޮލްފްސްބާގާއި، ބަޔާން މިއުނިކް އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު މަންޒުކިޗް ވަނީ އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެފައެވެ. އަދި މަންޒުކިޗް ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް ޖަރުމަން ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމަށް 89 މެޗު ކުޅެދިން މަންޒުކިޗް ވަނީ ގައުމީ ޖާޒީގައި 33 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ކްރޮއޭޝިއާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އަދި މަންޒުކިޗަކީ ކްރޮއޭޝިއާއިން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕްކަން ހޯދިއިރު، އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެކަމަކު އެ ފަހަރުގެ ވޯލްޑް ކަޕަށްފަހު މަންޒުކިޗް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް