ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 16:19
ޅ. އަތޮޅަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު
ޅ. އަތޮޅަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު
އެފްއޭއެމް
ޒުވާން ގައުމީ ޓީމުގެ ކޭމްޕް
ތަމްރީނު ކޭމްޕަށް ޒުވާން ގައުމީ ޓީމު ޅ. އަތޮޅަށް
 
ކޭމްޕަށްފަހު އެނބުރި މާލެ އަންނާނީ މި މަހުގެ 12 ގައި
 
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗެއް ކުޅޭނެ

އަންނަ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީނުތައް ހެދުމަށް ޒުވާން ގައުމީ ޓީމު ޅ. އަތޮޅަށް ފުރައިފިއެވެ.

ޅ. އަތޮޅު ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ކުރިއަށްދާ މި ކޭމްޕަށް ޒުވާން ގައުމީ ޓީމު ފުރާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ކޭމްޕުކުރާއިރު، މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު ވަނީ 23 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނަގަން ޓްރަޔަލްތައް ފަށާފައެވެ. މި ޓްރަޔަލްތަކަށްފަހު ޅ. އަތޮޅަށް ފުރާފައިވަނީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.

މިހާރު އެފްއޭއެމުން ރާވާފައި އޮތް ގޮތުން ޅ. އަތޮޅުގައި ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ކޭމްޕުގައި އެކުވެރިކަމުގެ ފަސް މެޗެއް ކުޅޭނެއެވެ. އެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނ. ކުޑަފަރި، ނ. ހޮޅުދޫ، ޅ. ނައިފަރު، ޅ. ހިންނަވަރު އަދި ރ. މީދޫއާ ދެކޮޅަށެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް