ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 16:02
ސްޓާލިންއާ ދިމާލަށް ހަންގޭރީގެ ސަޕޯޓަރުން ތަށި ފަދަ ތަކެތި އުކަނިކޮށް
ސްޓާލިންއާ ދިމާލަށް ހަންގޭރީގެ ސަޕޯޓަރުން ތަށި ފަދަ ތަކެތި އުކަނިކޮށް
ގެޓީ އިމޭޖަސް
ހަންގޭރީ ސަޕޯޓަރުންގެ މައްސަލަ
ހަންގޭރީ ސަޕޯޓަރުންގެ މައްސަލަ ފީފާއިން ބަލަނީ
 
ސްޓާލިން އާއި ޖޫޑް ބެލިންހަމަށް ވަނީ ނަސްލީ ގޮތުން ދިމާކޮށްފައި
 
ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނެ ކަމަށް ފީފާއިން ވަނީ ބުނެފައި

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހަންގޭރީ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި، ހަންގޭރީގެ ސަޕޯޓަރުން އިންގްލެންޑުގެ ބައެއް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކާސް އެރީނާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނަސްލީ ގޮތުން ދިމާކޮށްފައިވަނީ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން އާއި ޖޫޑް ބެލިންހަމަށެވެ. އެގޮތުން ލަނޑު ޖެހުމަށްފަހު ސްޓާލިން އުފާފާޅުކުރުމުން ހަންގޭރީގެ ބައެއް ސަޕޯޓަރުން ވަނީ ސްޓާލިންއާ ދިމާލަށް ބޯން ބޭނުންކުރާ ބައެއް ތަށި ފަދަ ތަކެތި އުކާފައެވެ.

އެކަމާ ގުޅިގެން އިންގްލެންޑުގެ އެފްއޭއިންވެސް ވަނީ މިއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ، އެކަން ފީފާގެ ސަމާލުކަމަށް ގެނަސްފައެވެ. މި މެޗުގައި ނަސްލީ ގޮތުން ދިމާކުރި އުމުރުން 18 އަހަރުގެ ޖޫޑް ބެލިންހަމް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ނަސްލީ ގޮތުން ދިމާކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތުން ނަފުރަތުކުރާ މީހުން މޮޅުވާން ފުރުސަތު ނުދޭނެ ކަމަށެވެ.

މި މައްސަލަ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު ބަލަމުން އަންނައިރު، ފީފާއިން ބުނީ ހަންގޭރީގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ނަސްލީ ގޮތުން އިންގްލެންޑުގެ ކުޅުންތެރިންނާ ދިމާކުރި މައްސަލައެއް ފެންމަތި ވެފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި ނަސްލީ ތަފާތު ކުރުން އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން މި މައްސަލަ އެންމެ ފުރިހަމައަށް ތަހުގީގުކޮށް، ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފީފާއިން ހަންގޭރީ ސަޕޯޓަރުންގެ މައްސަލައެއް ބަލަމުން އަންނައިރު، ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ފެންމަތިވެ، ހަންގޭރީއަށް ޔުއެފާއިންވެސް ވަނީ އަދަބުދީފައެވެ.

އެ ފަހަރު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތައް ބަލަން އެ ދަނޑަށް ވަން ސަޕޯޓަރުންނާ މެދު ހަންގޭރީގެ ސަޕޯޓަރުން ތަފާތުކުރުން ގެންގުޅުނު ކަމަށާއި، އެގޮތުން ނަސްލީ ތަފާތުކުރުމުގެ އިބާރާތްތައްވެސް ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޕުސްކާސް އެރީނާގައި ހަންގޭރީން ދެން ކުޅުނު ތިން މެޗަށް ސަޕޯޓަރުން ވައްދަން ޔުއެފާއިން މަނާކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް