ބާސެލޯނާގައި އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓަސްއަށް ބަދަލުވި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އުމުރުން 31 އަހަރުގެ ޕިޔަނިޗް ބާސާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދެއްކިއިރު, ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކަން ޖެހުނެވެ.
ބާސާއަށް ބަދަލުވި ފަހުން ޕިޔަނިޗަށް މާ ގިނަ ފުރުސަތުތަކެއް ކޫމަން ދީފައި ނުވާއިރު، މިދިޔަ ސީޒަނުގައި ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޕިޔަނިޗް ކުޅެފައިވަނީ އެންމެ 13 މެޗެވެ. އެއާއެކު ޕިޔަނިޗް ވިއްކާލަން ބާސާއިން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ރިޕޯޓުތައް ބުނި ނަމަވެސް، ބާސާއާއެކު ޕިޔަނިޗް ހަދާފައިވާ އެއްބަސްވުން އުވާލަން 400 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ.
އެހެންކަމުން ބާސާއިން ވަނީ ޕިޔަނިޗުގެ މުސާރަ ކުޑަކޮށް، ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް އޭނާ ބެސިކްޓަސްއަށް ދޫކޮށްފައެވެ. ބެސިކްޓަސްއަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ޕިޔަނިޗް ބުނީ ބާސާގައި ހޭދަކުރި މުއްދަތުގައި އެ ޓީމުގެ ކޯޗު ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށާއި، އެގޮތުން ކޫމަން އޭނާއާ ވާހަކަވެސް ނުދައްކާ ކަމަށެވެ.
އަދި އޭނާއަކީ ކަންތައްތައް ތަފުސީލުކޮށް ކިޔާ ދިނުމުން އެ ކަމެއް ގަބޫލުކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާއާ ދޭތެރޭ ކޫމަން ކަންތައްތައް ކުރި ގޮތަކީ ކޯޗެއްގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ ދަށު ދަރަޖައިގެ އެއް ކަންތައް ކަމަށްވެސް ބުންޏެވެ. އެއާއެކު މުސާރަ ކުޑަކޮށް ބެސިކްޓަސްއަށް ބަދަލުވަން ނިންމީ ފުޓްބޯޅައަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށްވެސް ޕިޔަނިޗް ވަނީ ބުނެފައެވެ.
ލޯނު އުސޫލުން ޕިޔަނިޗް ބެސިކްޓަސްއަށް ބަދަލުވިއިރު، މީގެ ކުރިން ބެލެވުނީ ޕިޔަނިޗް އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވިއިރު، ޔުވެންޓަސްއިން ޕިޔަނިޗް ހޯދުމަށް ބިޑް ހުށަހަޅާފައެއް ނުވެއެވެ.