ގުދުރަތީ ރީތިކަމަށް އެންމެން ވެސް ލޯބިކުރެއެވެ. ވަށައިގެންވާ ވެށީގެ ކޮންމެ ދިމާލަކުން ވެސް މިފަދަ މަންޒަރުތައް ފެނެއެވެ. ނަމަވެސް އާއްމުކޮށް ނުފެންނަ ފަދަ ގުދުރަތީ މަންޒަރުތައް ފެނުމާއެކު ގިނަ ބަޔަކު އާޝޯހު ކުރުވައެވެ. އެގޮތުން ހުކުރު ދުވަހުގެ ވަގުތެއްގައި ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދޭ ފޮޓޯތަކެއް މުޅި ސޯޝަލް މީޑިއާގައި ދައުރުވެގެންދިޔައެވެ. އެ ފޮޓޯގެ ފުރިހަމަކަމުގެ ވާހަކަ ނުދައްކާ މީހަކު މިހާރު ނުހުންނާނެއޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ.
އިރުގެ ވަށައި ވިއްސާރަދުނީގެ ކުލަތަކުން ޖަރީވެފައިވާ ބޮޅެއް އެޅިފައިވާ އެފޮޓޯއަށް ގިނަ ބައެއް ސަމާލުކަން ލިބުނެވެ. އަދި އެއީ ކިހިނެތްވާ ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެއީ މަދުން ނޫނީ ފެންނަ މަންޒަރަކަށް ނުވި ނަމަވެސް ދޭތެރެއަކުން އިރު ވަށައި ހުދު ކުލައިގެ ވަށްބުރަކުން ޖަރީކުރެއެވެ.
އިރު ނުވަތަ ހަނދުގެ ވަށައިގެން ހުދު ކުލައިގެ ވަށްބުރު ފެންނަ ގޮތާ ބެހޭ ގޮތުން ސައިންސްވެރިން ވިދާޅުވާ ގޮތުގައި، އެއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ "ސިރޯސްޓްރާޓަސް" ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްބުރެއް ކަމަށެވެ. އަދި ދުނިޔޭގެ ސަތަހައިގެ 5 ކިލޯމީޓަރަށްވުރެ މަތިީގައި ހުންނަ ފިނިކަމާއެކު، ވިލާގައި ހުންނަ ގަނޑުފެނަށް އަލިއެޅި ވިއްސާރަ ދުނީގެ ކުލަތައް އެޅިގެންދާ ކަމަށެވެ.
މި އަޖައިބު ކުރުވަނިވި މަންޒަރަށް "ހޭލޯ ފިނޯމިނާ"ގެ ނަމުން ނަން ދީފައިވާއިރު، ހަނދުވަރުދޭ ރެއަކާ ހިލާފަށް، އިރުގެ ގަދަ އަލީގައި ފެންނަ މި ވަށްބުރުގައި ވިއްސާރަދުނީގެ ކުލަތައް އާއްމު ގޮތެއްގައި ފެނިގެންދެއެވެ. ހޭލޯ ފިނޯމިނާ ފެނުމަކީ މޫސުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމާއެކު، ވިއްސާރަވެ، ބޮޑު ކޮޅިގަނޑެއް އަންނާނެ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ސައިންސްވެރިއަކު ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަޙީދު ވިދާޅުވީ، އެއީ ސީދާ މޫސުން ގޯސްވާން އުޅޭ ކަމުގެ ހެއްކެއް ނޫން ކަމަށެވެ. އެކަމުން ދައްކުވައިދެނީ މޫސުމަށް ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ ނިޝާންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސައިންސްވެރިން ވިދާޅުވާ ގޮތުގައި ހައްތުއިސްތަވާ (އީކުއޭޓަރ) ދުރުގައި ހުންނަ ގައުމުތަކުން ހޭލޯ ފިނޯމިނާ ގިނައިން ފެންނައިރު، އީކުއޭޓަރއާ ކައިރި ގައުމުތަކުން ހޭލޯ ފިނޯމިނާ ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ޚާއްސަކޮށް މިހާ ސާފުކޮށް މި މަންޒަރު ފެނުން މަދުކަން ސައިންވެރިން ފާހަގަ ކުރެއެވެ. ނަމަވެސް ރާއްޖެއިން މިފަހަރު ދިވެހިންނަށް މި ނަސީބު މިއޮތީ ލިބިފައެވެ.