ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގައި ކުޅޭނީ ހަތް ނަންބަރު ޖާޒީއަށް ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
މީގެ ކުރިން ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަންއިން 2003 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވިއިރުވެސް އޭނާ އެ ޓީމުގައި ކުޅުނީ ހަތް ނަންބަރު ޖާޒީއަށެވެ.
އުމުރުން 36 އަހަރުގެ ފޯވާޑަށް ހަތް ނަންބަރު ޖާޒީ ލިބުނީ ޔުނައިޓެޑުގެ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ 21 ނަންބަރު ޖާޒީއަށް ކުޅެން އެއްބަސްވުމުންނެވެ.
ޔުނައިޓެޑުގެ ހަތް ނަންބަރު ޖާޒީ އަލުން ލިބުމާއެކު ރޮނާލްޑޯ ބުނީ ހަތް ނަންބަރު ޖާޒީ ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު ކަވާނީ އެހެން ނަންބަރަކަށް ކުޅެން އެއްބަސްވެ، އޭނާގެ ހަތް ނަންބަރު ޖާޒީ އަލުން ދިނުމުން އެކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުންޏެވެ.
ޔުނައިޓެޑުގެ ލެޖެންޑަރީ ނަންބަރު ކަމަށް ބުނާ ހަތް ނަންބަރު ޖާޒީގައި ރޮނާލްޑޯ ވަނީ މީގެ ކުރިން އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ޔުނައިޓެޑަކީ ރޮނާލްޑޯ އެންމެ ބޮޑަށް ވިދާލި އެއް ކުލަބުވެސް މެއެވެ.
ޕޯޗުގަލުގެ ސްޕޯޓިން ލދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެ ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.