ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 23:24
އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދުމަށް މަންދީ ހޮސްޕިޓަލަށް ދަނީ
އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދުމަށް މަންދީ ހޮސްޕިޓަލަށް ދަނީ
ރާއްޖެއެމްވީ
އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގުން
މަންދީ ބޭނުންވަނީ ޖަޒީލް ގޮޅީގައި ނުބާއްވައި، ފަރުވާ ދިނުމަށް
މިމާރާމާރީ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު
މަންދީއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ވަނީ ފަރުވާ ހޯދާފައި
މަންދީ ކުރި ޓްވީޓްގައި ބުނެފައިވަނީ ޖަޒީލް ގެންގޮސް ގޮޅިއަކަށްލައި އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރަން ބޭނުންނުވާކަމަށް

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި ބުރާސްފަތި ދުވަހުގެ މެންދުރު ހިންގި މާރާމާރީގައި އަންހެނަކަށް އަނިޔާވެ ބޮލަށް ލިބިފައިވާ ޒަޚަމްތަކާއި, ޒަޚަމްތަކުގެ ސަބަބުން ބޮލުން ފައިބާފައިވާ ލޭތަކުގެ ފޮޓޯތަކުން ސޯޝަލް މީޑިޔާގެ ފީޑްތައް ފުރިގެންދިޔައެވެ. އެތައް ބަޔަކު އެފޮޓޯތައް ޝެއަރ ކުރަމުންދިޔައިރު ބޮލަށް ލިބިފައިވަނީ ބޮޑެތި ޒަޚަމްތަކެއްކަން ފޮޓޯތަކަށް ބަލާލުމުންވެސް އެނގެއެވެ. ވެރިކަންކުރާ މައި ޕާޓީގެ އޮފީސް ތެރޭގައި ހިނގި މާރާމާރީގެ ސަބަބުން އެތައް ބަޔަކު އެފޮޓޯތައް އެތައް މާނައެއްގައި ޝެއަރ ކުރަމުންދިޔައެވެ. ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަންނަ މަރިޔަމް ޒުބައިރު(މަންދީ)އަށެވެ. އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި އެންމެ ގިނަ ދުވަސްވަންދެން މަސައްކަތްކުރަމުން އަންނަ އެއް މުވައްޒަފަކީވެސް މަންދީއެވެ. އަނެއްކޮޅުން މަންދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމުގެ މަންމަވެސްމެއެވެ.

އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީ އާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުން އަންނައިރު, މީކާއީލް ވަނީ މަންމައަށް ދިން ހަމަލާއަކީ ރާވައިގެން ޓާގެޓްކޮށްގެން ދީފައިވާ ސިޔާސީ ހަމަލާއެއް ނޫންކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ. އަދި އެއީ މަސްތުގެ ހާލުގައި ހުރެގެން މީހަކު ދީފައިވާ ހަމަލާއެއްކަމަށާއި, މިހަމަލާއާ ގުޅިގެން ދައުރުވަމުންދާ ރަނގަޅު ނޫން މައުލޫމާތުތައް މީކާއީލްގެ ޓްވީޓާއެކު ހުއްޓިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީކާއީލް ޓްވީޓް ކުރެއްވި ފަހުން މަންދީވެސް ވަނީ މަންދީއަށް އަމާޒުވި ހަމަލާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ދިން ހަމަލާއެއްކަމަށް ބުނެފައެވެ. މަންދީއަށް ހަމަލާދީފައިވަނީ އެއޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާއަކީ އެމްޑީޕީ އޮފީހުގެ ޕިއޯން ކަމުގެ ވަޒީފާ އަދާކުރަމުންދާ ޖަޒީލްއެވެ. ޖަޒީލް މަންދީއަށް ހަމަލާދީފައިވަނީ ޗޭނުގަނޑަކުންނެވެ. މިހަމަލާގައި މަންދީގެ އިތުރުން އެހެން މުވައްޒަފަކަށްވެސް އަނިޔާވެފައިވެއެވެ.

ހަމަލާއާ ގުޅިގެން މަންދީ ކުރި ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ޖަޒީލް ގެންގޮސް ގޮޅިއަކަށްލައި އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރަން ބޭނުންނުވާކަމަށެވެ. މިކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެކަމަށާއި މިކުދިންގެ މައިންބައިފައިންނާއި އާއިލާތަކުން މިކަން ތަހައްމަލުކުރާ ތަން ފެންނަމުންދާކަމަށް މަންދީ ބުނެފައިވެއެވެ.

މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މި އަޅާ ވޭނަށްވުރެ ޖަޒީލް ގައިގަ މިރޭ އަޅާނެ ވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ވަރަށް އެދެން ފުލުހުން މިރޭ އޭނަ އެކަނި ގޮޅިއަކަށްލައި ދޫކޮށްނުލުން. އޭނައަކީ ގޯސްކުއްޖެއް ނޫން ފަރުވާ ބޭނުންވާ ކުއްޖެއް
މަރިޔަމް ޒުބައިރު

މަންދީ މިމޭރުމުން ޓްވީޓްކޮށްފައިވާއިރު މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މިމައްސަލަ އެމްޑީޕީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް, އެޕާޓީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ދިވެހިރާއްޖެ ތަހައްމަލުކުރަމުންދާ ބޮޑު ވަބާއަކަށް ވާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާ ދޭންޖެހިފައިވާ އެތައް ޒުވާނުންނެއް މިއަދު މިމުޖުތަމައުގައި އުޅެމުންދެއެވެ. އެމީހުންގެ ފުށުން އެތައް ބަޔަކަށް އަނިޔާ ލިބި މުދަލަށް ގެއްލުންވަމުންދާއިރު އަދި މަސްތުގެ ވަބާގައި ޖެހި އެތައް ބަޔެއްގެ ފުރާނަ ގެއްލެމުންދާއިރު މިކަމަށް ދާއިމީ ހައްލެއް އަންނަތަނެއް އަދިވެސް ފެންނަމުންނެއް ނުދެއެވެ.

މަންދީއަށް ހަމަލާދިން މީހާއަށް މަޢާފްކޮށް, އިތުރު ފަރުވާ ބޭނުންވާކަމަށް މަންދީ ބުނެފައިވާއިރު ގިނަ ބަޔެއްގެ ތައުރީފު މަންދީއަށް އަންނަނީ ލިބެމުންނެވެ. ނަމަވެސް މިކަން އަދި މިހިސާބުން ނިންމާލެވޭކަށް ނެތެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާ އެމީހުންނަށް ލިބި މުޖުތަމައު ބަލައިގަންނަ ބަޔަކަށް އެމީހުން ނުހެދޭހާ ހިނދަކު މިފަދަ އެތައް ހާދިސާއެއް އަދިވެސް އަންނާނީ ތަކުރާރުވަމުންނެވެ. އެއިން ކޮންމެ ފަހަރަކު އިތުރު ފަރުވާ ބޭނުންވާ ކަމަށް ބުނެ މިވާހަކަ ނިންމާލެވޭނެ ހެއްޔެވެ.

"އިންޓަނޭޝަނަލް ޑޭ އަގެއިންސްޓް ޑްރަގް އެބިއުޒް"އާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 5 އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2018ގައެވެ. އެއީ 2،230އެވެ. ދެން އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2019ގައެވެ. އެއީ 2،188އެވެ. މީގެ އިތުރަށް 2017ގައި 2،038 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2020ގައި ރިޕޯޓުކުރި އަދަދު މި އަދަތުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށެވެ. އެގޮތުން 2020ގައި ރިޕޯޓުކޮށްފައި ވަނީ 1،425ކޭހެވެ.

މަސްތުގެ ބަލިމަޑުކަމުން އަރައިގަންނަން ބޭނުންވާ މީހުން މި މުޖުތަމައުގައި ގިނަ ނަމަވެސް އެކަމަށް އެންމެ އެކަށޭނެ ފަރުވާއެއް ދެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވި ނަމަވެސް ފަރުވާނުފެށި އެތައް ދުވަހެއް ވާކަމަށް މަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ ފަރާތްތަކުން ބުނެއެވެ.

- ކޮމެންޓް