ޕީއެސްޖީއަށް ބަދަލުވި ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީގެ 10 ނަންބަރު ޖާޒީ ޒުވާން ތަރި އަންސޫ ފަޓީއަށް ދީފިއެވެ.
މި ފަހަރުގެ ޓްރާންސްފާގައި ބާސާގެ ކެޕްޓަން އަދި އާޖެންޓީނާގެ ތަރި މެސީ ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެފައެވެ. އުމުރުން 34 އަހަރުގެ މެސީ ބާސާ ދޫކޮށްލަން ޖެހުނީ ބާސާގެ އެއްބަސްވުން އާނުކުރެވުމާ ގުޅިގެންނެވެ.
އެއާއެކު އެ ޓީމުގެ ތާރީޚީ 10 ނަންބަރު ޖާޒީ ހުސްވިއިރު، މެސީއަށް އެންމެ ފުރަތަމަ ބާސާގެ 10 ނަންބަރު ޖާޒީ ލިބުނީ 2008 ވަނަ އަހަރު ބްރެޒިލުގެ ލެޖެންޑް ރޮނާލްޑީނިއޯ އެ ޓީމު ދޫކޮށްލުމުންނެވެ. އޭރު މެސީގެ އުމުރަކީ 21 އަހަރެވެ. ދެން 21 ވަނަ ގަރުނުގައި ބާސާގެ 10 ނަންބަރު ޖާޒީ ބޭނުންކޮށްފައިވަނީ ރިވާލްޑޯއެވެ. އަދި އޭގެ ކުރިން 20 ވަނަ ގަރުނުގައި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް އަދި ދުނިޔޭގެ ތާރީޚުގައި ފެނުނު އެންމެ މޮޅު އެއް އެޓޭކިން މިޑްފީލްޑަރު ޑިއޭގޯ މަރަޑޯނާވެސް ބާސާގެ 10 ނަންބަރު ޖާޒީ ބޭނުންކޮށްފައެވެ.
މެސީ ބާސާ ދޫކޮށްލުމާއެކު އެ ޓީމުގެ 10 ނަންބަރު ޖާޒީ ރިޓަޔާކުރަން ބައެއް ސަޕޯޓަރުން ގޮވާލި ނަމަވެސް، ބުދަ ދުވަހު ބާސާއިން ވަނީ އެ ޓީމުގެ 10 ނަންބަރު ޖާޒީ އުމުރުން 18 އަހަރުގެ ފަޓީއަށް ދީފައެވެ.
ގިނީ ބިސާއުއަށް އުފަން ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ 2019 ވަނަ އަހަރުގެ އޯގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރައި ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.
އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.
ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ އުއްމީދީ ފޯވާޑް ފަޓީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 41 މެޗުގައި 13 ލަނޑު ޖަހާފައެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ފަޓީ ކުޅުމާ ދުރުގައި ހުރިއިރު، އެ އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ މި ވޭތުވެދިޔަ މުއްދަތުގައި ދެ އޮޕަރޭޝަނެއް ކޮށްފައެވެ.