ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 21:23
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނި އިބްރާހީމް ރަޝްވާން (ޗިކު) އާއި އަޙްމަދު އައުޝަން
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނި އިބްރާހީމް ރަޝްވާން (ޗިކު) އާއި އަޙްމަދު އައުޝަން
ރާއްޖެ އެމްވީ
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް
ޗިކު އާއި އައުޝަން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑަށް
 
ޗިކުއަށް ގައުމީ ސްކޮޑުން އެންމެ ފަހުން ޖާގަ ލިބުނީ 2018 ވަނަ އަހަރު
 
އައުޝަންއަށް އެންމެ ފަހުން ފުރުސަތު ލިބުނީ 2015 ގެ އައިއޯއައިޖީން

އަންނަ އޮކްޓޯބަރު ބާއްވާ ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި އިބްރާހީމް ރަޝްވާން (ޗިކު) އާއި އަޙްމަދު އައުޝަން ހިމަނައިފިއެވެ.

މި ފަހަރުގެ ސާބާ މެންސް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. އެ މުބާރާތައް ސްކޮޑު އެލުވަލާލުމަށް ޓްރަޔަލްތައް ބާއްވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅެވެ. ސާބާ މެންސް ޗެމްޕިއަންޝިޕަށް 18 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއިރު، އެ ސްކޮޑުން ޗިކު އާއި އައުޝަންއަށް ވަނީ ފުރުސަތުދީފައެވެ.

މެދު ކެނޑުމަކަށްފަހު ޗިކު އާއި އައުޝަން ގައުމީ ސްކޮޑަށް ނެގިއިރު، ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޗިކުއަށް ގައުމީ ސްކޮޑުން އެންމެ ފަހުން ޖާގަ ލިބުނީ 2018 ވަނަ އަހަރެވެ. އަދި އައުޝަންއަށް ގައުމީ ސްކޮޑުން އެންމެ ފަހުން ފުރުސަތު ލިބުނީ 2015 ވަނަ އަހަރުގެ ރީޔޫނިއަނުގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިންނެވެ.

ޗިކު އަލުން ގައުމީ ޓީމަށް ނެގިއިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. އަދި ލޮލަށް ކުރިމަތިވި ގެއްލުމަކާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އައުޝަންވެސް ވަނީ ބޮޑު ބްރޭކެއް ނަގާފައެވެ.

މި އަހަރުގެ ސާބާ މެންސް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވަމުން އަންނައިރު، ދާދި ފަހުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ފަހަކަށް އައިސް ބާސްކެޓުގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސާފައެވެ. އިއްލެ އާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް (ޒިލާ) އާއި، ކުރީގެ ބާސްކެޓްބޯޅަ ތަރި އަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން އިއްލެ ބުނީ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އަދި އެއީ އެއާކު އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެކަމަކު ގައުމީ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތްކުރުމަކީ އާ ކަމެއް ނޫން ކަމަށާއި، އެގޮތުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ޒިންމާ އަދާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެމްބީއޭގެ ރައީސް އަޙްމަދު އާދަމް ވިދާޅުވީ ކުރިއަށް އޮތް ސާބާ މެންސް ޗެމްޕިއަންޝިޕަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި، އެހެންކަމުން ކޯޗުގެ ޒިންމާ އިއްލެއާ ހަވާލުކުރީ އޭނާއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ބޭނުންވީ އިއްލެ އާއެކު ޒުވާން ކޯޗުންތަކެއް ގައުމީ ޓީމުގައި ބެހެއްޓުމަށް ކަމަށްވެސް ވިދާޅުވިއެވެ. އާދަމް އިތުރަށް ވިދާޅުވީ މީގެ ކުރިން ބޭރު ކޯޗުން ލައިގެން ގައުމީ ޓީމުން ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށާއި، އެހެންކަމުން މި ދަނޑިވަޅަކީ ގައުމީ ޓީމަށް ދިވެހި ކޯޗުންތަކެއް ހަމަޖައްސަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އެމެރިކާގެ ކޯޗު ކޯރޭ އެލެކްސެންޑާއެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް:

  1. އިބްރާހީމް ރަޝްވާން (ޗިކު)
  2. އަޙްމަދު އައުޝަން
  3. އިސްމާޢީލް ފަރުހާން
  4. އިބްރާހިމް އަންފާލް ޝަރީފް
  5. އަޙްމަދު ފިރާޝް
  6. މުޙައްމަދު ސަބީހު ތައުފީގު
  7. އަޙްމަދު އަލީ މުސްތަފާ
  8. އަޙްމަދު އިފްސާހް
  9. އަޙްމަދު ޒަބީރް
  10. އިބްރާހިމް ނަސީމް
  11. ހުސެއިން ހަލީމް (ޗިކަނޭ)
  12. މުޙައްމަދު އަޝްމަލް އަޙްމަދު
  13. ރިޝްފާން ރަޝީދު
  14. އިސްމާއިލް ވިލްދާން
  15. އަބްދުﷲ އަމްޒަރު
  16. މުޙައްމަދު ޚުވައިލިދު އަލީ
  17. ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ)
  18. މަފާޒް މުޙައްމަދު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް