ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 18:54
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ކުޅިވަރު ވަސީލަތް ގާއިމުކުރުން
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިޔަ މަޝްރޫއެއްގައި ސޮއިކުރަނީ
 
މި މަޝްރޫއުގައި ގައުމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ހިމެނޭ
 
ވޮލީ އާއި ބާސްކެޓްބޯޅަ ކޯޓުގެ އިތުރުން ޓީޓީ ހޯލެއް ތަރައްގީކުރާނެ

ކުޅިވަރު ވަސީލަތްތައްއް ގާއިމުކުރުމަށް ބިޔަ މަޝްރޫއެއްގައި ބުރާސްފަތި ދުވަހު ސޮއިކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުން މި އަހަރު ވެގެންދާނީ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރަކަށެވެ، އަދި މި އަންނަ އަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ މައުލޫމާތުދީފައެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިޔަ މަޝްރޫއެއްގައި ބުރާސްފަތި ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އަތޮޅުތަކުގައިވެސް ވަސީލަތްތައް ގާއިމުކުރާއިރު، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި، ގައުމީ ވޮލީބޯޅަ ކޯޓާއި ބާސްކެޓްބޯޅަ ކޯޓުގެ އިތުރުން ޓޭބަލް ޓެނިސް ހޯލެއް ތަރައްގީކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްގީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ ތެރޭގައި އެބަހިމެނޭ ހދ. ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް. އަދި ތ. ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ. މީގެ އިތުރު ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްގީކުރުމަށް މި ޕްރޮޖެކްޓުގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ. އަދި ނެޝަނަލް ބާސްކެޓްބޯލް ސެންޓަރެއް، މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓުގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ މި އެއްބަސްވުމުގެ ތެރެއިން. ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރެއް، ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެކި ރަށްރަށުގައި، އެއީ ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރުމަށް މި އެއްބަސްވުމުގެ ދަށުން ފައިނޭންސް ކުރެވިގެންދާނެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ގައުމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވިއިރު، 1947 ވަނަ އަހަރު ކުޅެން ފެށި ގަލޮޅު ދަނޑަކީ އޭރު މާލޭގައި ހަތަރު އަވަށުގެ ހަތަރު ކުލަބަށް ގާއިމުކުރެވުނު ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ. މީގެ ކުރިން މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށް ނިންމައި، ކުޅިވަރާ ބެހޭ ވުޒާރާއިން އެ ފަހަރު ވަނީ ރައީސް އޮފީހުގެ ހުއްދަވެސް ހޯދާފައެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުވެސް ކުޑަކުރަން ޖެހުމުން، މިދިޔަ އަހަރު މަސައްކަތް ފެށިފައެއް ނުވެއެވެ. ނަމަވެސް ގައުމީ ފުޓްބޯޅަ ދަނޑު މަރާމާތުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމީ ވޮލީބޯޅަ ކޯޓާއި ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތް ފަށަން ތައްޔާރުވިއިރު، ވޮލީބޯޅަ އާއި ބާސްކެޓްބޯޅައަށް ވަކި ހާއްސަ އިންޑޯ ކޯޓެއް ނެތުމުން އެ ދެ ކުޅިވަރުގެ ކުޅުންތެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެއާއެކު މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވަނީ އެ ކޯޓުތަކުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް މި ސަރުކާރުން ހިންގަމުން އަންނައިރު، މީގެ ކުރިން ނިންމި މަސައްކަތްތަކުގެ ތެރޭގައި އެކުވެނި ދުވާ ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމާއި، ފަތާ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނައިރު، އެންމެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގައި މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
75%
0%
25%
0%
0%
ކޮމެންޓް