ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 09:51
އެތުލެޓިކޯއަށް މީގެ ކުރިން ކުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
އެތުލެޓިކޯއަށް މީގެ ކުރިން ކުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
ގެޓީ އިމޭޖަސް
ގްރީޒްމަން އެތުލެޓިކޯއަށް ބަދަލުވުން
ގްރީޒްމަން އެނބުރި އެތުލެޓިކޯއަށް
 
ލޯނު އެއްބަސްވުން ހަދާފައިވަނީ މި ސީޒަނުގެ ނިޔަލަށް
 
އެއްބަސްވުން ދާއިމީކުރަން 40 މިލިޔަން ޔޫރޯ ދައްކަންޖެހޭ

ބާސެލޯނާއަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަލުން އަނބުރާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ގްރީޒްމަން ބާސާއަށް ބަދަލުވީ 2019 އަހަރުގެ ހޫނު މޫސުމުގައި އެތުލެޓިކޯ ދޫކޮށް 120 މިލިއަން ޔޫރޯ ފީއަކަށެވެ. އެ ފަހަރު ގްރީޒްމަން ބާސާއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު މީގެ ކުރިން ގްރީޒްމަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެއާއެކު މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އެތުލެޓިކޯއިން ވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީޒްމަންގެ ސޮއި ހޯދާފައެވެ. އަދި އަންނަ ސީޒަނުގައި ގްރީޒްމަނުގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު އެތުލެޓިކޯއަށް އޮތްއިރު، އެއްބަސްވުން ދާއިމީކުރަން އެ ޓީމުން 40 މިލިޔަން ޔޫރޯ ދައްކަންޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނު ގްރީޒްމަން މީގެ ކުރިން ވަނީ އެ ޓީމުގައި ފަސް ސީޒަން ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 257 މެޗުން 133 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ގްރީޒްމަން ވަނީ އެ ޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގާއި، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ނަމަވެސް ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ޓީމަށް ކުޅެދިން 102 މެޗުން ގްރީޒްމަނަށް ކާމިޔާބުކުރެވިފައިވަނީ 35 ލަނޑެވެ. އަދި ބާސާއާއެކު ގްރީޒްމަނަށް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕެވެ.

ލޯނު އުސޫލުން ގްރީޒްމަން އަލުން އެތުލެޓިކޯއާ ގުޅުނުއިރު، މިދިޔަ އަހަރު އެ ޓީމުން ވަނީ ބާސާއަށް ކުޅެމުން އައި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒްގެ ސޮއި ހޯދާފައެވެ. އަދި ސުއަރޭޒްއާއެކު އެތުލެޓިކޯއުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް