ކ. މާލެ
|
1 ސެޕްޓެންބަރ 2021 | ބުދަ 09:33
ޗެލްސީއާ ގުޅުނު އެތުލެޓިކޯގެ މިޑްފީލްޑަރު ސައުލް ނިގޭޒް
ޗެލްސީއާ ގުޅުނު އެތުލެޓިކޯގެ މިޑްފީލްޑަރު ސައުލް ނިގޭޒް
ގެޓީ އިމޭޖަސް
ސައުލް ޗެލްސީއަށް ބަދަލުވުން
ލޯނު އުސޫލުން ސައުލް ޗެލްސީއަށް
 
އެއްބަސްވުން ދާއިމީކުރަން 30 މިލިޔަން ޕައުންޑް ދައްކަންޖެހޭ
 
ސައުލްގެ ލޯނު އެއްބަސްވުން ހަދާފައިވަނީ މި ސީޒަނުގެ ނިޔަލަށް

ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ޗެލްސީއަށް ބަދަލުވެއްޖެއެވެ.

މީގެ ކުރިންވެސް އިނގިރޭސި ކުލަބަކަށް ބަދަލުވާން އުމުރުން 26 އަހަރުގެ ސައުލް ބޭނުންވާ ކަމަށް މީޑިއާގައި ރިޕޯޓުކުރެވުނެވެ. އެކަމަކު އޭރު އެތުލެޓިކޯއިން ސައުލް ވިއްކާލަން ނިންމި އަގު ބޮޑުވުމުން އެއްވެސް ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެތުލެޓިކޯއިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި، އިޓަލީގެ އުދިނޭޒީއަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލްގެ ސޮއި ހޯދާފައެވެ.

އަންގާރަ ދުވަހުގެރޭ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޗެލްސީން ވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ސައުލްގެ ސޮއި ހޯދާފައެވެ. އަދި އަންނަ ސީޒަނުގައި ސައުލްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ޗެލްސީއަށް އޮތްއިރު، އެއްބަސްވުން ދާއިމީކުރަން އެ ޓީމުން 30 މިލިޔަން ޕައުންޑް ދައްކަންޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ލޯނު އުސޫލުން ސައުލްގެ ސޮއި ހޯދިއިރު، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އަދި ސައުލްއަކީ މީގެ ކުރިން ބާސެލޯނާ އާއި ލިވަޕޫލުންވެސް ފާރަލި ކުޅުންތެރިއެކެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސައުލް އެތުލެޓިކޯ ދޫކޮށްލިއިރު، ސައުލް ސީނިއާ ކެރިއަރު ފަށާފައިވަނީވެސް އެ ޓީމުންނެވެ. އެއަށްފަހު ސައުލް ވަނީ މިހާތަނަށް އެތުލެޓިކޯއަށް 340 މެޗު ކުޅެދީ 43 ލަނޑު ޖަހާފައެވެ. އަދި ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް