ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 18:29
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ)
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ)
އެފްއޭއެމް
ސާފް ޗެމްޕިއަންޝިޕް
ދިވެހި ކޯޗުންނަށް މިކަން ނުކުރެވޭނެ ސަބަބެއް ނެތް: އިންމަ
 
ސާފް ޗެމްޕިއަންޝިޕާ ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކު
 
ދިވެހި ކޯޗިން ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އިންމަ ވަނީ ބުނެފައި

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ދިވެހި ކޯޗުންނަށް މިކަން ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

މި މަހުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލާފައެވެ. އެއަށްފަހު ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމުން އެކުލަވާލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމެކެވެ.

އެގޮތުން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ކަމަށެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ އިންމަ އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަސްލަމް އަބްދުލް ރަހީމެވެ.

މިދިޔަ ހަފުތާގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންމަ ބުނީ ބޭރު ކޯޗުންނާ އެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު މިކަން ދިވެހިންނަށް ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން މިހާރު އޮތް ކޯޗިން ޓީމުން ރާއްޖެއަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެކަމަށް މި ކޯޗިން ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ބުންޏެވެ. އަދި ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ އިންމަ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އަދާކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ޔަަމަނާ ދެކޮޅަށް ކުޅެފައެވެ.

މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކު ސާފް ޗެމްޕިއަންޝިޕާ ރާއްޖެ ކުރިމަތިލާއިރު، އެ މުބާރާތް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފުތާގައި ގައުމީ ޓީމުން ވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ފަރިތަކުރުންތައް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް