ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 18:26
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު
އެފްއޭއެމް
ސާފް ޗެމްޕިއަންޝިޕް
އުއްމީދަކީ 2008 ގެ ފޯރި އަލުން ނެގުން: އިމްރާން
 
މިއީ ދަށްވެފައި އޮތް ފޯރި ރަނގަޅުކުރަން ލިބޭ ފުރުސަތެއް
 
2008 ގެ މުބާރާތުގެ ތެރޭގައި ގައުމު އޮތީ ވަރަށް ފޯރީގައި

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، އެންމެ ބޮޑު އުއްމީދަކީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތަށް އޮތްވަރުގެ ފޯރިއެއް މި ފަހަރުވެސް ގެނައުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ގައުމީ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީވެސް އިމްރާނެވެ. އޭގެ ފަހުން ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ބަންގްލަދޭޝްގައެވެ.

މިދިޔަ ހަފުތާގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިމްރާން ބުނީ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖޭން އެންމެ ފަހުން ކާމިޔާބުކުރީ ރާއްޖޭން ބޭރުގައި ކުޅެގެން ކަމަށާއި، އެކަމަކު އޭގެ ކުރިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖޭން ކާމިޔާބުކިރީ އަމިއްލަ ގައުމުގައި ކުޅެ ވަރަށް ފޯރީގައި، ގައުމު އެއްކުލައެއްގައި ގޮސްގެން ކަމަށެވެ.

އެހެންކަމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފުޓްބޯޅައިގައި ދަށްވެފައި އޮތް ފޯރި ރަނގަޅު ކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް އިމްރާން ބުންޏެވެ. އަދި ގައުމީ ޓީމަށް ސަޕޯޓުނުކުރާ ދިވެއްސެއް ހުންނާނެ ކަމަކަށް ގަބޫލުނުކުރާ ކަމަށާއި، އެގޮތުން ފާޑުކިޔުންތައްވެސް އަންނަނީ ގައުމީ ޓީމަށް ނުވަތަ ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށްވެސް އިމްރާން ވަނީ ބުނެފައެވެ.

އިމްރާން އިތުރަށް ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ، މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި 2008 ވަނަ އަހަރު އޮތް ވަރެއްގެ ފޯރިއެއް ނަގައި، ސާފް ޗެމްޕިއަންޝިޕުގެ ތަށި އަނެއްކާވެސް ރާއްޖޭގައި ބެހެއްޓޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފޯރި އަލުން ނެގުމަށް މަސައްކަތްކުރަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސާފް ޗެމްޕިއަންޝިޕް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށް ނިންމާފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ ކުރިން ސަޕޯޓަރުންގެ ފޯރި އިތުރުކުރުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު ޚާއްސަ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން މައުލޫމާތުދެއެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް