މެންޗެސްޓާ ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ޚާއްސަ މަގާމެއް ދެވިފައިވާ ކުލަބެއް ކަމަށް އެނބުރި އެ ޓީމާ ގުޅުނު ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ޔުވެންޓަސް ދޫކޮށް އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރު، ޔުވެންޓަސްއާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މި ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވިއިރު، އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީއަށެވެ. އެކަމަކު ފަހު ވަގުތު ޔުނައިޓެޑުން އެ ޑީލް ތެރެއަށް ވަދެ ރޮނާލްޑޯގެ ސޮއި ހޯދާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ވަނީ ޔުވެންޓަސްއަށް 12.85 މިލިޔަން ޕައުންޑް ދައްކާފައެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު 6.85 މިލިޔަން ޕައުންޑް ޔުނައިޓެޑުން ދައްކާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުން ރޮނާލްޑޯ ވަނީ އެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ބޭނުންވާނަމަ، އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޔުނައިޓެޑަށް އަލުން ސޮއިކުރުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ރޮނާލްޑޯ ބުނީ ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ޚާއްސަ މަގާމެއް ދެވިފައިވާ ކުލަބެއް ކަމަށެވެ. އަދި އެ ކުލަބަށް ބަދަލުވާކަން އިއުލާންކުރި ވަގުތުން ފެށިގެން ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ މެސެޖުތައް ފާހަގަކޮށްލަން ބޭނުންވާ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ޔުނައިޓެޑުގެ ރަސްމީ ދަނޑު ކަމަށްވާ އޯލްޑް ޓްރެފޯޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި އަލުން މެޗެއް ކުޅެލަން ލިބޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިޔުމަށް އެންމެ ބޮޑަށް ބާރުއެޅީ އެ ޓީމުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންއެވެ. އެއާއެކު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާން ނިންމާލަމުން ރޮނާލްޑޯ ވަނީ މިއީ ފާގަސަންއަށް ކޮށްދިން ކަމެއް ކަމަށް ބުނެފައެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެ ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.