ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 21:00
ދެވަނަ ދައުރަކަށް ނުކުންނެވި  ރޫހާނީއަށްވަނީ ވޯޓްގެ 57 އިންސައްތަ ލިބިވަޑައިގެންފަ
ދެވަނަ ދައުރަކަށް ނުކުންނެވި ރޫހާނީއަށްވަނީ ވޯޓްގެ 57 އިންސައްތަ ލިބިވަޑައިގެންފަ
ޓްވިޓަރ
އީރާނުގެ ރިޔާސީ އިންތިޚާބު
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
ރޫހާނީއަށްވަނީ ވޯޓްގެ 57 އިންސައްތަ ލިބިވަޑައިގެންފަ
ވޯޓްލުމަށް ރަޖިސްޓްރީ ކުރި 56 މިލިއަން މީހުންގެ ތެރެއިން 40 މިލިއަން މީހުން ވޯޓް ލުމަށް ނުކުމެފައިވޭ
ރައީސީއަށް ލިބިވަޑައިގެންނެވީ 38.5އިންސައްތަ

އީރާންގައި ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު 23.5 މިލިއަން ވޯޓާއެކު މިހާރުގެ ރައީސް ހަސަން ރޫހާނީ ކާމިޔާބު ކުރައްވައިފިކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

 

ވޯޓްލުމަށް ރަޖިސްޓްރީ ކުރި 56 މިލިއަން މީހުންގެ ތެރެއިން 40 މިލިއަން މީހުން ވޯޓް ލުމަށް ނުކުމެފައިވާއިރު ރޫހާނީއަށް ވަނީ ވޯޓްގެ 57 އިންސައްތަ ލިބިވަޑައިގެންފައެވެ. ރޫހާނީއާ އެންމެ ވާދަވެރި ކެނޑިޑޭޓުންވަނީ އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް ޝަކުވާ ހުށަހަޅާފައެވެ.

 

ރޫހާނީއާ އެންމެ ގާތުން ވާދަކުރެއްވި އިބްރާހިމް ރައީސީ ވަނީ ރޫހާނީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވޯޓްފޮށިތަކުގެ ކައިރީގައި ޕްރޮޕަގެންޑާ ހިންގާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

 

އީރާނުގެ ދައުލަތުގެ ޓީވީއިންވަނީ ރޫހާނީގެ ކާމިޔާބަށް މަރުހަބާ ކިޔާފައެވެ. އިންޓީރިއާ މިނިސްޓަރ ރަހްމާނީ ފަޒީލް ވިދާޅުވީ ރައީސީއަށް ލިބިވަޑައިގެންނެވީ 38.5 އިންސައްތަ ނުވަތަ 15.7 މިލިއަން ވޯޓްކަމަށެވެ. މި ނަތީޖާއާއެކު އީރާނުގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާކަށް ނުޖެހޭނެއެވެ.

 

ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ 70 އިންސައްތަ ވޯޓްލާން ނުކުތްއިރު ކިއުތައް ދިގުވެގެން ކިއު ބަންދުކުރުމުގެ ވަގުތު ޖެހުނިއިރު ކިއުގައި ތިބި ފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތުދިނުމަށް އިތުރު ފަސް ގަޑިއިރަށް ވޯޓްލުން ދެމިގެން ދިއައެވެ.

 

އީރާނުގެ ހަތްވަނަ ރައީސްގެ ގޮތުގައި 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރޫހާނީ ގެންދެވީ ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރިކޮށް އިރާނު އޮތް އޮތުން ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

 

އެތައް ބަޔަކު މި އިންތިޚާބުގެ ނަތީޖާ ދެކެމުން ދިއައީ މިއިންތިޚާބަކީ ބޭރުދުނިޔެއަށް އީރާނު ހުޅުވާލައްވައި އެ ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ރޫހާނީ ގެންގުޅުއްވި ސިޔާސަތު ރައްޔިތުން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ބަލައި ކުރާ ހުކުމެއްގެ ގޮތުގައެވެ.

 

ހުކުރު ދުވަހު ބޭއްވި އިންތިޚާބަކީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އިރާނުން ނިއުކްލިއަރ މައްސަލައިގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާ އެއްބަސްވުމަކަށް ދެވުނު ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

- ކޮމެންޓް