ރިޔާސީ ނިޒާމެއް އޮތަސް އަދި ބަރުލަމާނީ ނިޒާމެއް އޮތަސް، ވެރިކަމެއް ބިނާވެ އާރާސްތުވެގެންދާނީ އަންނަ ވެރިއެއްގެ ޤާބިލުކަމުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޤާސިމް ވިދާޅުވީ ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ވެރިއަކު ޢައްޔަންކުރައްވައި، ވެރިކަމަށް ވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމު ބަދަލުކުރަން މަސައްކަތްކުރަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާ ނިޒާމަކަށް ވާނީ ރިޔާސީ ނިޒާމު ކަމަށާއި، ނިޒާމު ބަދަލުކޮށްގެން ރާއްޖޭގައި ވެރިކަމެއް ކުރަންވެއްޖެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރިޔާސީ އަދި ބަރުލަމާނީ ވިޔަސް ވެރިކަމެއް ބިނާވެ އާރާސްތުވެގެންދާނީ އަންނަ ވެރިއެއްގެ ޤާބިލުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހަކު އެންމެ މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުން ކައިރިއަށް ދާންޖެހޭނެ ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި މިކަން މިގޮތަށް ނުހިނގާނެ ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމުގައި ހުންނަ މީހަކާ ރައްޔިތުންނާ ގުޅުމެއް ނޯންނާނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ކަންކަން ހިނގާ ގޮތް، އެފަދަ ނިޒާމެއް އޮތް ގައުމުތަކުގެ ހާލަތުން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތްއިރު ރައްޔިތުން އުޅެން ޖެހުނު ހާލަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ރިޔާސީ ނިޒާމުން ޢައްޔަންކުރާ ވެރިއަކާއި މަޖިލިސް މެމްބަރުންވެސް, ހެޔޮ ނިޔަތުގައާއި އަމިއްލަ އެދުމުގައި ކަމަށްވިޔަސް ރައްޔިތުންގެ އަޑު އަހާނެ ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި މިގޮތަށް ކަން ނުހިނގާނެ ކަމަށާއި، ދިވެހި ރައްޔިތުން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިދުވަސްކޮޅު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަތަކެވެ. މިކަމާއި ގުޅިގެން ޤާސިމް މީގެ ކުރިން ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރަނީ ވަކި މީހަކަށް ވެރިކަމާއި ބާރުތައް ނުލިބިގެން ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި ރައީސަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށާއި، ދައުލަތުގެ ޚަރަދު ދެކޮޅު ނުޖެހިގެން އުޅޭއިރު ރައީސަކު ބަލަހައްޓަން ބޮޑު ސިންގާ ގަނޑުވަރަކާ އެއްޗެހި ދީފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.