ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 16:01
ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނަގަން ކުރިއަށްގެންދާ ޓްރަޔަލްތަކުގެ ތެރެއިން
ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނަގަން ކުރިއަށްގެންދާ ޓްރަޔަލްތަކުގެ ތެރެއިން
އެފްއޭއެމް
ޒުވާން ގައުމީ ޓީމުގެ ކޭމްޕް
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ
 
ކޭމްޕް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 4-12 ގެ ނިޔަލަށް
 
23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާނެ

ޅ. އަތޮޅުގައި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ކޭމްޕުގައި ފަސް މެޗު ކުޅުމަށް ނިންމައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން އިއުލާންކޮށްފައެވެ. އެ ޓީމުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ. ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ.

މިދިޔަ ހަފުތާގައި ގައުމީ ސީނިއާ ޓީމުގެ ކޯޗިން ސްޓާފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ 23 އަހަރުން ދަށުގެ ޓީމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު އެފްއޭއެމުން ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ. އަދި މި ވަގުތު އޭނާގެ ފޯކަސް އެއްކޮށް ހުރީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ކަމަށްވެސް ބުންޏެވެ.

އެހެންކަމުން މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ ސޮބާ އާއި ޝާޑެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް ޅ. އަތޮޅުގައި ކޭމްޕުކުރާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ 23 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނަގަން ޓްރަޔަލްތައް ފަށާފައެވެ. މި ޓްރަޔަލްތަކުން 30 ސްކޮޑެއް އެކުލަވާލާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗިން ސްޓާފުން - އެފްއޭއެމް

މިހާރު އެފްއޭއެމުން ތާވާފައި އޮތް ގޮތުން ޅ. އަތޮޅުގައި ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ކޭމްޕުގައި އެކުވެރިކަމުގެ ފަސް މެޗެއް ކުޅޭނެއެވެ. އެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނ. ކުޑަފަރި، ނ. ހޮޅުދޫ، ޅ. ނައިފަރު، ރ. މީދޫ އަދި ޅ. ހިންނަވަރުއާ ދެކޮޅަށެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ޒުވާން ގައުމީ ޓީމު ޅ. އަތޮޅުގައި ކޭމްޕުކުރާއިރު، އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރާނެއެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހްރޭނުގައެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް