ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 13:41
މުހައްމަދު އާސިފް
މުހައްމަދު އާސިފް
ފޭސްބުކް
އީސީގެ މެމްބަރުކަމަށް އާސިފް
އީސީގެ މެމްބަރުކަމަށް އާސިފް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި
މިކަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެފައި މިވަނީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން

އިލެކްޝަން ކޮމިޝަންގެ މިހާރު ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުހައްމަދު އާސިފް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

އާސިފްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ކޮމިޓީންވަނީ އީސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 5 ނަންފުޅު ދިރާސާކޮށް 4 ބޭފުޅަކާ އިންޓަރވިއުކޮށްފައެވެ. ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ، އެއް ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާތީ އިންޓަރވިއު ކުރިއަށްގެންދިޔައީ 4 ބޭފުޅުންގެ ކަމަށެވެ.

އާސިފްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެފައި މިވަނީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއަށްފަހު ރައީސް ކަމުގެ މަގާމު ވެސް އޮތީ ހުސްކޮށެވެ. ރައީސްކަމަށް މެމްބަރަކު އައްޔަން ކުރެވޭނީ ވެސް ހުސްވެފައިވާ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވުމުންނެވެ.

އާސިފްވަނީ މީގެ ކުރިން ވެސް އިލެކްޝަން ކޮމިޝަންގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރުގައި އިލެކްޝަން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި އިންތިޚާބުތަކުގެ ކަންކަން ރާވާ ހިންގުމަށް މަސައްކަތް ކުރެއްވިއެވެ. އޭގެ ކުރިން ވެސް އީސީގެ ބައެއް މަސައްކަތްތަކުގައި އާސިފް ބައިވެރިވެވަޑައިގެންފައިވެއެވެ.


Advertisement
- ކޮމެންޓް