ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 03:38
މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ކަލިއާރީ އަތުން މިލާނަށް ފަސޭހަ މޮޅެއް
 
ކަލިއާރީ އަތުން މިލާން މޮޅުވީ 4-1 ގެ ނަތީޖާއަކުން
 
ލީގުގައި ކުޅުނު ދެ މެޗުންވެސް މިލާން ވަނީ މޮޅުވެފައި

އިޓާލިއަން ލީގުގައި އާދީތއް ދުވަހުގެރޭ ކުޅުނު މެޗުން ކަލިއާރީ އަތުން ފަސޭހަކަމާއެކު އޭސީ މިލާން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ޖުމްލަ ފަސް ލަނޑުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޑްރޯ ޓޮނާލީއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކަލިއާރީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޖޮއާއޯ ޕެޑްރޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެސަންޑްރޯ ޑެއިއޯލާއެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރަފައެލް ލެއާއޯ ކާމިޔާބުކޮށްދިން ލަނޑުން، މިލާނުން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ވަނީ ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީ ދޫކޮށް މިލާނާ ގުޅުނު ފަހުން ޖިރޫޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އަދި މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖިރޫޑް ވަނީ މިލާނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ކަލިއާރީގެ ކެވިން ސްޓްރޫޓްމަންގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ފަސޭހަކަމާއެކު މިލާން މޮޅުވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސަމްޑޯރިއާ އަތުން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް