ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 03:17
ރެއިމްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއިމްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
މެސީގެ ފުރަތަމަ މެޗުން ޕީއެސްޖީއަށް މޮޅެއް
 
ރެއިމްސް އަތުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
މި މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ކުޅެން އަރުވާފައި

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ލިއޮނަލް މެސީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗުން ރެއިމްސް އަތުން އެ ޓީމު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ޕީއެސްޖީއާ ގުޅުނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސްޓްރަސްބޯގާއި ބްރެސްޓާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުތަކުގައި މެސީ ބޭނުންކޮށްފައެއް ނުވެއެވެ. އެކަމަކު އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ކުޅެން އަރުވާފައެވެ. މިއީ ކުލަބު ކެރިއަރުގައި ބާސާ ނޫން ކުލަބެއްގެ ޖާޒީގައި މެސީ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެންހެލް ޑި މާރިއާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރެއިމްސްގެ މާޝަލް މުނެޓްސީ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އަޝްރަފް ހަކީމީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭއެވެ. މި މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހި ނަމަވެސް، މި މެޗަކީ އެމްބާޕޭ ޕީއެސްޖީއަށް ކުޅުނު ފަހު މެޗަށްވުމުގެ ފުރުސަތު އެބައޮތެވެ. އަންގާރަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވާއިރު، އޭގެ ކުރިން އެމްބާޕޭގެ ސޮއި ހޯދަން ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންޖާސްއަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް