ޖަޕާންގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޕްރިންސެސް މާކޯ އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވަން ނިންމަވައިފިއެވެ. އޭގެ މާނައަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ޝާހީ އާއިލާގެ ހައިސިއްޔަތު ދޫކޮށްލައްވަން ޖެހިވަޑައިގަތުމެވެ.
އުސޫލްތައް ހަމަޖެހިފައި އޮންނަ ގޮތުން ޖަޕާންގެ ޝާހީ އާއިލާގެ އަންހެން ބޭފުޅަކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވާ ނަމަ، ޝާހީ އިއްޒަތާއި ދަރަޖަ ދޫކޮށްލަވަން ޖެހެއެވެ.
އުމުރުފުޅުން 25 އަހަރުގެ ޕްރިންސަސް މަކޯ ކައިވެނި ބައްލަވައިގަންނަވަނީ ލޯ ފާމެއްގައި މަސައްކަތް ކުރާ ޖަޕާނުގެ އާއްމު ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ ކީ ކަމޫރޯ ނަމަކަށް ކިޔާ ޒުވާނަކާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޖަޕާންގެ އެމްޕެރަރ އަކިހީޓޯއަށް ކާފަ ވިދާޅުވާ، މާކޯ، ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވި ކޮމޫރޯއާ ބައްދަލުވީ ކިޔަވާވިދާޅުވާން ވަޑައިގެންނެވި އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވަސިޓީންނެވެ.
ޕްރިންސަސް މާކޯއަކީ ޕްރިންސް އަކިޝީނޯގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ޕްރިންސް އަކިޝީނޯއަކީ، އެމްޕެރަރަގެ އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ.
ޖަޕާނުގެ ގާނޫނު އޮންނަ އޮންނަ ގޮތުން ޝާހީ އާއިލާގެ ފިރިހެން ބޭފުޅަކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައި ގަތުމަކުން ޝާހީ ހައްސިއްޔަތު ދޫކޮށްލައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ޕްރިންސަސް މާކޯ އަކީ އަންހެން ބޭފުޅަކަށް ވުމާއެކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވަން ބޭނުންފުޅުވުމުން ޝާހީ ހައިސިއްޔަތު ދޫކޮށްލަންވަން ޖެހިވަޑައިގަންނަވަނީއެވެ. ޝާހީ އާއިލާގެ އެހެން އަންހެން ބޭފުޅެއް ކަމަށްވާ ޕްރިންސެސް ސަޔަކޯ ވެސް ކަންތައް ކުރައްވަން ޖެހި ވަޑައިގަތީ އެގޮތުގެ މަތީންނެވެ. އެމްޕެރަރ އަކިހީޓޯގެ ހަމައެކަނި އަންހެން ދަރިކަނބަލުން ކަމުގައިވާ ސަޔަކޯ 2005 ވަނަ އަހަރު އާއްމުންގެ މީހަކާ ކައިވެނި ކުރެއްވުމާއެކު އާއްމު ދިރިއުޅުއްވުމަކަށް ދިރިއުޅުން ބަދަލު ކޮށްލެއްވުމަށް އެއް ކޮޓްރީގެ އެޕާޓްމަންޓެއް ހޯއްދަވާ އެތަނަށް ދިރިއުޅުން ބަދަލު ކޮށްލެވިއެވެ. އަދި ބާޒާރު ކުރެއްވާށާއި، ކާރު ދުއްވަން އަލަށް ދަސްފުޅު ކުރެއްވިއެވެ. ޝާހީ ހައިސިއްޔަތު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެކަމަނާއަށް ޖަޕާނު ސަރުކާރުން ހަތްލައްކަ ހަތްދިހަ ހާސް ޕައުންޑު ދިނެވެ.
ޝާހީ ހައްސިއްޔަތު ދޫކޮށްލަންވަން އެންމެ ފަހުން މި ނިންމެވި ޕްރިންސަސް މާކޯ ގެ އެންގޭޖްމަންޓް ވަރަށް އަވަހަށް އޮންނާނެ ކަމަށާއި އަދި އެކަމަނާގެ ކައިވެނި ކުރައްވާނީ އަންނަ އަހަރު ކަމަށް ޖަޕާންގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭ އިން ބުނެފައިވެއެވެ. ޝާހީ ހައިސިއްޔަތު ދޫކޮށްލައްވާތީ ޕްރިންސެސް މާކޯ އަށް ވެސް ބަދަލުގެ ގޮތުގައި ޖަޕާނު ސަރުކާރުން ފައިސާ ދޭނެއެވެ.