އިންގިލާބަކުން 2011 ވަނަ އަހަރު ވެރިކަމުން ދުރުކޮށްފައިވާ ޓިއުނީޝިއާގެ ކުރީގެ ޑިކްޓޭޓަރު، ޒައިން އަލް އާބިދީން ބިން އަލީގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ގިނަ އަމަލުތަކަކަށް، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އިމާދް ތްރަބެލްސީ އިޢުތިރާފު ވެވަޑައިގެން، ޓިއުނީޝިއާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.
ޓިއުނީޝިއާއަށް 2011 ވަނަ އަހަރު ގެނައި އިންގިލާބަށްފަހު، ބިން އަލީގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ އެކިއެކި ޖަރީމާތަށް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓްރުތު އެންޑް ޑިގްނިޓީ ކޮމިޝަންގެ ކުރިމަތީގައި، ތްރަބެލްސީ ވަނީ ކަސްޓަމް އޮފިސަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، މިނިސްޓަރުންގެ އެހީގައި ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތަފްޞީލް ކިޔައިދެއްވާފައެވެ.
"ދޮންކޭލަ، ރަލާ، ގެދޮރުގެ ވިޔަފާރި މޮނޮޕޮލައިޒް ކޮށްގެން ކޮންޓްރޯލް ކުރީ އަހަރުމެން. އެހެން ވިޔަފާރިވެރިޔަކު ވާދަކުރަން މަސައްކަތް ކޮށްފިނަމަ އަހަރުމެން ދިޔައީ އެމީހެއްގެ ވިޔަފާރިއަށް ހުރަސްއަޅަމުން" ތްރަބެލްސީ ކިޔައިދެއްވިއެވެ.
ތްރަބެލްސީ ވިދާޅުވީ، އޭނާގެ ބާރުގެ ދަށުގައި ތިބި ކަސްޓަމް އޮފިސަރުން، އެހެން ވިޔަފަރިވެރިންގެ މުދާ ތާށިކޮށް، އޭނަގެ މުދަލަށް އިސްކަން ދިން ކަމަށެވެ. ކޮރަޕްޝަން ހިންގުމަށް ތްރަބެލްސީއަށް އެހީވި ކަސްޓަމް އޮފިސަރުންނަށް 30000 ދީނަރު (12000 އެމެރިކާ ޑޮލަރު) އާއި ހަމައަށް ރިޝްވަތުގެ ގޮތުގައި ފާއިސާ ދެއްވި ކަމަށްވެސް ތްރަބެލްސީ ވަނީ އިޢުތިރާފް ވެވަޑައިގެންފައެވެ.
"ހިތުގެ އެންމެ ފުންމިނުން" ކޮރަޕްޝަންގެ އަމަލުތަކަށް މަޢާފަށް އެދުމަށްފަހު، އިންގިލާބުއްސުރެ ޖަލުގައި ހުންނެވި ތްރަބެލްސީ ވަނީ، މިހާރު އެންމެ ބޭނުންވަނީ މިނިވަން ކަން ކަމަށް ވިދާޅުވެފައެވެ.
ކޮރަޕްޝަންގެ އިތުރުން، މަކަރާއި ހީލަތުގެ ތުޙުމަތުވެސް ތްރަބެލްސީގެ މައްޗަށް ކޮށްފައިވާއިރު، އޭނާ ވަނީ ކޮރަޕްޝަނުން ހޯދި މުދާ ދައުލަތަށް ރައްދުކުރަން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.
ތްރަބެލްސީގެ މައްސަލަ ބަލާ ޓްރުތު އެންޑް ޑިގްނިޓީ ކޮމިޝަނަކީ، ބިން އަލީގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ އިންސާނީ ޙައްގުތަކާއި ޚިލާފު އަމަލުތަކާއި، އިންގިލާބުގެ ދުވަސްވަރު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާ އާއި އެދުވަސްވަރު ހިންގާފައިވާ ރޭޕްގެ މައްސަލަތަކުގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައްވެސް ބަލަމުންދާ ކޮމިޝަނެކެވެ.