ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ފަހު ވަގުތު ޖަހައިދިން ލަނޑުން ހޮފެންހައިމް އަތުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވި ނަމަވެސް، ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޑޯޓްމުންޑުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮވާނީ ރޭނާއެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި ކްރިސްޓޮފް ބޯމްގާޓްނާ ކާމިޔާބުކޮށްދިން ލަނޑުން ހޮފެންހެއިމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ޑޯޓްމުންޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމެވެ. އެކަމަކު މެޗުގެ 90 ވަނަ މިނެޓުގައި ކޯނަރަކުން މޫނަސް ޑަބޯ ވަނީ އަލުން ހޮފެންހެއިމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން މެޗުގެ އިތުރު ވަގުތުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި، މި މެޗުން ޑޯޓްމުންޑް މޮޅުކޮށްދީފައެވެ.
މި މެޗުން ޑޯޓްމުންޑް މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެ ޓީމު ވަނީ ފްރެއިބާގް އަތުން ބަލިވެފައެވެ. ލީގުގައި ދެން ޑޯޓްމުންޑުން މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ޑޯޓްމުންޑް ނުކުންނާނީ ބަޔާ ލެވަކޫސެންއާ ދެކޮޅަށެވެ.