ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެމެރިކާގައި ކޮވިޑް ހާލަތު ގޯސްވެ އާންމު ހާލަތަށް ރުޖޫއަވުން ލަސްވަމުންދާތީ އެގައުމުގެ ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައި ރައީސް ޖޯ ބައިޑަންގެ މަގްބޫލުކަން ދަށަށްދާން ފަށާފައިވާކަމަށް ރޮއިޓަރސް އިން ކުރިޔަށް ގެންދިޔަ ޕޯލަކުން ދައްކައިފިއެވެ.
ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންނަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި ކޮންގްރެސް ޖޯ ބައިޑަން އާއި ޑިމޮކްރަޓުންނަށް ކާމިޔާބުކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބަޔެކެވެ. އެމެރިކާއަށް އަފްޣާނިސްތާނުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުން ބައިޑަންގެ މަގްބޫލުކަން އެމެރިކާގައި ވަނީ މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.
އަނެއްކޮޅުން ބުރާސްފަތި ދުވަހު ކާބުލް އެއަރޕޯޓްގެ ބޭރުގައި ދިން ހަމަލާގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވުމާއެކުވެސް ބައިޑަން އަށް ވަނީ އެމެރިކާގައި ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެވަޑައިގަންނަވާފައެވެ.
ކަންމިހެން އޮތްއިރު އެމެރިކާގައި ކޮވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. އަދި ރިޕަބްލިކަނުން ބޮޑަށް ހިއްސާކުރާ ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ އާއި ޓެކްސަސް ފަދަ ތަންތަނުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމާއި ވެކްސިން ނުޖެހުމުގެ ސަބަބުން ޑެލްޓާ ވޭރިއަންޓް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ބައިޑަންގެ ސަރުކާރުގެ ބާރު އެޅުމާއެކުވެސް 39 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް މިހާތަނަށް އައިއިރު ޖަހާފައެއްނުވެއެވެ.
އޮގަސްޓް މަހުގެ 13 ން 19 ށް ކުރިޔަށްގެންދިޔަ ޕޯލުގެ ނަތީޖާ ދައްކާގޮތުން ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައި ބައިޑަންގެ މަގްބޫލުކަން ވަނީ 14 އިންސައްތަ ދަށަށްގޮސްފައެވެ. މިއީ ޖޫން މަހުގެ ފަހުން ބައިޑަންގެ މަގްބޫލުކަން މިހާބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އަދި ކޮވިޑް-19 ކޮންޓްރޯލްކުރާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް ވަކިފިކުރަކަށް ތާއީދުނުކުރާ މީހުންގެ 53 އިންސައްތަ މީހުން ވަނީ އާނއެކޭ ބުނެފައެވެ.
ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައި ބައިޑަންގެ މަގްބޫލުކަން ދަށްވިނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެމީހުން ތާއީދުކުރެއެވެ.
އެގޮތުން އޮގަސްޓް މަހުގެ ޕޯލުގެ ނަތީޖާ ދައްކާގޮތުން 66 އިންސައްތަ މީހުންވަނީ ރެސްޓޯރެންޓްތަކާއި ޖިމްތަކުގައި އަދި މަތިންދާބޯޓުގައި މާސްކު އެޅުމަށް ތާއީދުކޮށްފައެވެ. އެކަމަށް 25 އިންސައްތަ މީހުން ވަނީ ދެކޮޅު ހަދާފައެވެ. 55 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އޮފީހަށް ގޮސް މަސައްކަތްކުރަން ބޭނުންވާ މީހުން ވެކްސިން ޖަހަންޖެހޭނެއެވެ. 37 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކޮންމެހެން ވެކްސިން ޖަހާކަށް ނުޖެހޭނެއެވެ.
ކޮވިޑްގެ އައު ސަރޖެއް އައުމުގެ ޒިންމާ ނަގަންޖެހެނީ ކޮން ބައެއްތޯ އެހުމުން ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ 47 އިންސައްތަ މީހުން ބުނެފައިވަނީ ވެކްސިން ނުޖަހާ މީހުންކަމަށެވެ. 12 އިންސައްތަ މީހުން ބުނެފައިވަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބައިޑަން ކަމަށެވެ.
ބައިޑަންގެ ސަޕޯޓް ދަށްވުމުގެ ސަބަބަކީ ޕެންޑަމިކް ހީކުރިވަރަށްވުރެ ދިގުލައިގެން ދިޔުންކަމަށް ގަބޫލުކުރެވޭކަަމަށް މާހިރުން ވަނީ ބުނެފައެވެ.