ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖޯޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ޔުވެންޓަސް ދޫކޮށް އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރު، ޔުވެންޓަސްއާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މި ޓްރާންސްފާގައި ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވިއިރު، އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީއަށެވެ. އެކަމަކު ފަހު ވަގުތު ޔުނައިޓެޑުން އެ ޑީލް ތެރެއަށް ވަދެ ރޮނާލްޑޯގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމާފައެވެ.
ހުކުރު ދުވަހުގެރޭ ޔުނައިޓެޑުން ރޮނާލްޑޯއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާންކުރިއިރު، ދާދި އަވަހަށް ޔުނައިޓެޑުން ރޮނާލްޑޯގެ މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ޔުވެންޓަސްއަށް 12.8 މިލިޔަން ޕައުންޑް ދައްކަން ވަނީ އެއްބަސްވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިޔުމަށް އެންމެ ބޮޑަށް ބާރުއެޅީ އެ ޓީމުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންއެވެ. އެއާއެކު ޔުނައިޓެޑުން ރަސްމީކޮށް އެއްބަސްވުން ހުށަހެޅުމާއެކު، ރޮނާލްޑޯ ވަނީ އެ ޓީމާ ގުޅެން އެއްބަސްވެފައެވެ. އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯއަށް ޔުނައިޓެޑުން ހުށަހަޅާފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ. އެކަމަކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރެވޭ ގޮތަށް ހިމަނާނެއެވެ.
ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، މީގެ ކުރިން 2003 ވަނަ އަހަރު އެ ޓީމުން ރޮނާލްޑޯގެ ސޮއި ހޯދީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާއަށް ފާރަލަމުން ދަނިކޮށެވެ. މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގައި ހުރެ ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑުވެސް ހޯދާފައެވެ.