Advertisement
ކ. މާލެ
|
27 އޯގަސްޓް 2021 | ހުކުރު 19:21
ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު 04.00
ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު 04.00
އެމްޑީޕީ
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
9 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 300އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 27 އޯގަސްޓްވީ ހުކުރު ދުވަހުން ފެށިގެން 30 އޯގަސްޓާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު 04.00 ކަމަށެވެ. އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސިޓީގެ އަސްލު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 09.00ން ހަވީރު 04.00ށް ސެކްރެޓޭރިއެޓްގެ 2 ވަނަ ފަންގިފިލާއިން ކަމަށާ އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކަށް ހުކުރު ދުވަހުން ފެށިގެން ސުންގަޑި ހަމަވަންދެން [email protected] އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން މިފުރުސަތަކީ، 16 އޯގަސްޓްގައި އެޕާޓީން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ތެރޭގައި ޝަކުވާ ހުށަހެޅި މީހުންނަށް އެމީހުންގެ ޝަކުވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމު ކުރިއިރު ހިމެނިފައި ނުވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށް ބުނެއެވެ. އެމްޑީޕީން ބުނީ މި ފުރުސަތުގެތެރޭގައި، ކުރިން ހުށަހަޅާފައި ނުވާ ޝަކުވާއަކާ ގުޅޭ ޝަކުވާއެއް (އައު ޝަކުވާ އެއް) ބަލައިނުގަނެވޭނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް އިންތިޚާބު ތާވަލް ކުރެވިފައިވާއިރު، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް 9 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއްވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެމްޑީޕީގެ ޗެއަރ ޕަރސަން ހަސަން ލަތީފު ވިދާޅުވީ، އިންތިޚާބަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލަން ޖެހުނީ، އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ ބައެއް މެމްބަރުންވެސް މިފަހަރުގެ އިންތިޚާބުގައި ވާދަކުރާތީކަމަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބާގުޅޭ ކަންކަން އިންތިޒާމްކޮށް، ނިންމުންތައް ނިންމާނީ މިހާރު އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން ކަމަށެވެ.

Advertisement

އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 300އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށާއި 900އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓަރސް ލިސްޓްގެ ގޮތުގައި ބޭނުންކުރާނީ ކުރީގެ އެތެރޭގެ އިންތިޚާބުތަކެކޭ އެއްގޮތަށް ޕާޓީގެ ދަފްތަރު ލިސްޓު ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އިންތިޚާބުގެކަންކަން ބެލެހެއްޓުމަށް އެކުލަވާލި ޚާއްސަ ކޮމިޓީގައި ހިމެނެނީ، މިނިސްޓަރ މުހައްމަދު އަސްލަމް، މިނިސްޓަރ އަހުމަދު ނަސީމް، މިނިސްޓަރ ޑރ. އާއިޝަތު އަލީ، ރައްޔިތުން މަޖިލީސް މެމްބަރ ޔައުގޫބް އަބްދު ﷲ، ރައްޔިތުން މަޖިލީސް މެމްބަރ މޫސާ ސިރާޖް، ގާނޫނީ ވަކީލެއްގޮތުގައި ނާޒިމް ސައްތާރު، ރައްޔިތުން މަޖިލިސް މެމްބަރ އަހުމަދު އަބްދު ﷲ ، ޕާޓީގެ މެމްބަރ އަހުމަދު ޝާހިދު އަދި ޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް