ރަނގަޅު އަގެއްގައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ނުވަ އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ޓްރާންސްފާގައި ރޮނާލްޑޯ ގަންނަން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ބުރާސްފަތި ދުވަހުގެރޭ ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވަނީ ރޮނާލްޑޯ ހޯދަން އެ ޓީމުން ޔުވެންޓަސްއާއެކު މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވިިދާޅުވެފައެވެ.
އެހެންކަމުން މި ފަހަރުގެ ޓްރާންސްފާގައި ރޮނާލްޑޯ ބަދަލުވުން ގާތީ ޕެޕް ގާޑިއޯލާގެ ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ސިޓީން ރޮނާލްޑޯގެ ސޮއި ހޯދަން ބޭނުމީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްއިން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ޔުވެންޓަސްއިން ރޮނާލްޑޯ ދޫކޮށްލާނީ އެންމެ މަދުވެގެން 25 މިލިޔަން ޔޫރޯ ދެއްކުމުން ކަމަށްވެސް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓުކޮށްފައެވެ.
ރޮނާލްޑޯ ސިޓީއަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުގަދަވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރޮނާލްޑޯގެ އޭޖެންޓް ވަނީ ޔުވެންޓަސްގެ މެނޭޖުމަންޓާ ބައްދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުމުގައި ވަނީ ރަނގަޅު އަގެއްގައި ރޮނާލްޑޯ ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ޔުވެންޓަސްއިން އޭނާގެ އޭޖެންޓަށް އަންގާފައެވެ.
ކުލަބު ބަދަލުކުރަން ރޮނާލްޑޯ މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ރޮނާލްޑޯ އޭނާ ގާތު ބުނެފައިވާ ކަމަށް ދާދި ފަހުން އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ވަނީ ބުނެފައެވެ. އަދި ރޮނާލްޑޯވެސް ވަނީ މީޑިއާއިން އޭނާގެ މުސްތަގުބަލާ ގުޅުވައިގެން އެކި ވާހަކަތައް ދައްކާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމަކު ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ރޮނާލްޑޯ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަލުން ރެއާލް މެޑްރިޑަށް ދާން އުޅޭ ކަމަށް ބުނެ ދެއްކި ވާހަކަތަކެވެ.
ޔުވެންޓަސްގައި ރޮނާލްޑޯގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ރޮނާލްޑޯއަށް އަދި މިހާތަނަށް ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.
އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 134 މެޗުގައި 101 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.