ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 19:42
ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު
ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު
ރާއްޖެއެމްވީ
ތިލަމާލެ ބުރިޖު މަޝްރޫޢުގެ މަސައްކަތް
ތިލަމާލެ ބުރިޖު ހެދުމަށް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެނީ މަޝްރޫއުގެ މުހިންމުކަމުގެ ބޮޑުކަމުން: އިންޑިޔާ ސަފީރު
ތިލަމާލެ ބުރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިން
އެމްބަސީން ބުނެފައިވަނީ 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެއް ކަމަށް

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބުރިޖު (ތިލަމާލެ ބުރިޖު) މަޝްރޫއު ހިންގުމަށް އިންޑިޔާއިން އެހީތެރިވެދިނުމަށް ނިންމީ މިމަޝްރޫއަކީ ދިވެހި ރައްޔިތުންނަށް މުހިންމު މަޝްރޫއަކަށްވާތީ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބުރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

ކްރެޓިޑް ލައިންއަކީ ލޯނުތަކާ ޚިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ. އިންޑިއަން އެގްޒިމް ބޭންކުން ބުރިޖު އެޅުމަށް ނަގާ ލޯނަކީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބިފައިވާ ލޯނެކެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ލޯނު އަނބުރާ ދައްކަން މުޅިއެކު 20 އަހަރު ލިބޭނެއެވެ.

ތިލަމާލެ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މި މަޝްރޫއަކީ އެންމެ ފުރަތަމަ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެއް ނޫންކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ހިންގަން ބޭނުންވާކަން ދިވެހި ސަރުކާރުން 2019 ވަނަ އަހަރު ހާމަކުރުމާއެކު މިމަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން ބޭނުންވީކަމަށް ސަފީރު ވިދާޅުވިއެވެ. އެއީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާވެ ގިނަ ރައްޔިތުންނަށް އެކަމުގެ މަންފާކުރާނެތީ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން މިމަޝްރޫއާ ގުޅޭ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް ޕްލޭނިން މިނިސްޓާރ މުހައްމަދު އަސްލަމް 2019 ވަނަ އަހަރު ދެއްވިކަމަށާއި އެ ޕްރެޒެންޓޭޝަންގެ ސަބަބުންވެސް މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އިތުރު ބާރެއް ލިބިގެންދިޔަކަމަށް ސަފީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައިރު މަޝްރޫއުގެ ކަންކަން ނިންމަން ހަމަޖެހިފައިވާ ތާރީޚުގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މަޝްރޫއުގެ ޓެންޑަރިން މަރުހަލާގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ދެ ފަރާތް ފެންނަ ގޮތަށް ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކަމަށް ސަފީރު ވިދާޅުވިއެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބުރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބުރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބުރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބުރިޖެކެވެ. އެހެންކަމުން ރައީސް ސާލިހުގެ ސަރުކާރުން އެ މަޝްރޫއެއްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފައިފައިވާ މި ބިޔަ ބޮޑު މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އޭގެ އެންމެ ބޮޑު މަޝްރޫއަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅާފައިވަނީ 2023ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބުރިޖު ހުޅުވިގެން ދާއިރު މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ އެއްވެސް ޓޯލެއް ނެގުމެއްނެތި ރައްޔިތުންނަށް އެ މަގުތަކުން ހިލޭ ދަތުރު ކުރެވޭނެ ބުރިޖަކަށް ވުމެވެ.

- ކޮމެންޓް